ޑިސެމްބަރު މަހު ޗުއްޓީއަށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން މާދަމާ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. ހެނދުނު 9 ޖަހާއިރަށް ތާވަލުކޮށްފައިވާ މި ޖަލްސާގެ އެޖެންޑާގައި މުހިއްމު ތިން ބިލެއް ހިމެނެ އެވެ.
އެގޮތުން ސަރުކާރުން ހުށަހަޅުއްވާފައިވާ ޖުމްހޫރީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ މިހާރުގެ ދައުރު ކުރުކޮށްލައި، ރިޔާސީ އިންތިހާބާއެކު މީގެ ފަހުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. މި އިޞްލާޙު ފާސްވުމުން މަޖިލީހުގެ މިހާރުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހު ނިމޭނެ އެވެ.
އެއާއެކު ޕެންޝަން ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުން ހުށަހަޅަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހިއްޖެ ހާލަތުގައި ޕެންޝަން ފައިސާ ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ.
އަދި ޖުވާކުޅުން ހުއްޓުވުމަށް ގެނައުމަށް ހުށަހަޅާފައިވާ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގައި ޖުވާ ކުޅޭ މީހުންނަށް އަހަރުން އަހަރަށް 1 އަހަރާއި 4 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމް އިއްވުމުގެ ބާރު ދީފައިވެ އެވެ.
ކޮމެންޓު ފޮނުވާ