އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑު ހަރުކަށިކޮށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކުރުމާ ގުޅިގެން އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑެއް ނޫން ކަމަށާއި، ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި ނެރެދޭ ނަތީޖާގެ މައްޗަށް ކަމަށެވެ. މި އުސޫލުގެ ސަބަބުން ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހަމަހަމަކަމާއި ފަރުދީ މިނިވަންކަމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެކަނި ސިވިލް ސާވިސް މުވައްޒަފުންނަށް މި އުސޫލު ތަންފީޒުކޮށް، ސިޔާސީ މަގާމުތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މި އުސޫލު ނުހިންގާތީ، މިއީ އަހްލާގީ އުސޫލެއް ނޫން ކަމަށާއި ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށް އެ ޕާޓީން ބުނެއެވެ. އެހެންކަމުން މި އުސޫލުތައް އުވައިލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވައިލައިފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި ބަދަލަށް ފާޑުވިދާޅުވެ، މުސްލިމު އަންހެނުންގެ އެންމެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ ގޮތްކިޔަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ