ކުޅުދުއްފުށީގައި މަސްތުވާތަކެތި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ފަލަސް އަލީ ޔާމީން ޙަސަން (23) އާއި މަލުތެރޭގެ އަޙްމަދު މުޙައްމަދު (29) އެވެ.
އަލީ ޔާމީން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަޙްމަދު މުޙައްމަދުގެ ގޭގައި ހޯދިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ތިން ހަން އަދި އެހެނިހެން ތަކެތި ފެނިފައިވެއެވެ.
ކޯޓުން އަލީ ޔާމީން ފަސްދުވަހަށް އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މި ދެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ