މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިޔާ އިސްމާއިލް ސާޖިދު އެ މަގާމުން ސަސްޕެންޑްކޮށްފައިވާކަން ހާމަވެއްޖެއެވެ. މަގާމާ ހަވާލުވެވަޑައިގެން ހަތަރު މަސް ފަހުން ސާޖިދު އަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައިވާކަން އެމްއެމްއޭއިން އަންގައިފައިވާއިރު، ސަސްޕެންޝަންގެ ސަބަބު ހާމައެއް ނުކުރެއެވެ.
ސާޖިދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަގާމުން ސަސްޕެންޑުކުރި އެންގުން ލިބުނީ ކުއްލިގޮތަކަށް ކަމަށާއި، އެ ސިޓީގައިވާ ތަފުސީލު ހާމަކުރެއްވެން ނެތް ކަމަށެވެ. ސަސްޕެންޝަން ސިޓީ ސާޖިދުއަށް ލިބިވަޑައިގެންނެވި ވަގުތު ގަވަރުނަރު އަހުމަދު މުނައްވަރު ހުންނެވީ ޗުއްޓީއެއްގައި ކަމަށް އެނގެއެވެ.
މިދިޔަ އޮގަސްޓް މަހު ސާޖިދު އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް އައްޔަންކުރީ އެ ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފު އެ މަގާމުން ވަކިކޮށް އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމުންނެވެ. އަޝްރަފް މަގާމުން ދުރުކުރި ވަގުތު އޭނާ ވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުންޏާ ގުޅޭ ސަސްޕިޝަސް މުއާމަލާތްތައް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.
މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިސާ ދިނުން ހުއްޓުވުމުގެ މަސައްކަތްތައް ކުރާ އެފްއައިޔޫގެ އިސްވެރިން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ. މިކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކުން އަދި ރަސްމީ ވާހަކައެއް ނުދައްކައެވެ.
ކޮމެންޓު ފޮނުވާ