ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 57 މީޑިއާއަކުން ކުރިމަތިލައިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަ ކޮށްފިއެވެ. މީގެތެރެއިން 41 މީޑިއާއަކުން ކޮމިޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މީޑިއާތަކަށް މާލީ އެހީ ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެހެންނަމަވެސް މިނިސްޓްރީން މާލީ އެހީ ދިނުމަށް ނިންމި ގޮތުގެ މައްޗަށް ނޫސްވެރިންގެ ފާޑުކިޔުން ވަރުގަދަވުމުން މި މަސައްކަތް އެމްއެމްބީސީ އާ ހަވާލުކުރުމަށް ނިންމާފައިވެއެވެ. އެމްއެމްބީސީން އެހީއަށް އެދޭ މީޑިއާތަކަށް ފުރުސަތު ހުޅުވާލި މުއްދަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
އެމްއެމްބީސީން ވަނީ ކުރިމަތިލި މީޑިއާތަކުން ޝަކުވާ ހުށަހެޅުމަށް ވެސް ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ލިބުނު އަށް ޝަކުވާ މުރާޖައާކުރުމަށްފަހު ތިން ފަރާތެއްގެ ޝަކުވާ ބަލައިގަނެފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. މާލީ އެހީ ދިނުމުގައި މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި ބިޒްނަސް ޕްލޭނާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އިސްކަންދީގެން ބަލާ ކަމަށް ކޮމިޝަނުން ބުނެއެވެ. ކުރިމަތިލި މީޑިއާތަކަށް ލިބުނު މާކްސް އެމްއެމްބީސީގެ ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ