ކުދި ވިޔަފާރިތަކަށް 2026 އަދި 2027 އަކީ ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެ

ކުދި ވިޔަފާރިތަކަށް 2026 އަދި 2027 އަކީ ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެ

Author
ހުސައިން
28 ޑިސެމްބަރ 2025 12:59
0

ކުރިއަށް އޮތް 2026 އަދި 2027 ވަނަ އަހަރަކީ ކުދި ވިޔަފާރިތަކަށް މުޅި ސަރުކާރުން ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެ ކަމަށް އިގްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަން ވެގެންދާނީ ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް ބޮޑު ފަސޭހައެއް އަދި ހިތްހަމަޖެހުމެއް ކަމަށެވެ. މިއީ މިމަހު 17 ވަނަދުވަހު ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަންކަން އަންނަ ޖަނަވަރީ މަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށާއި، މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރަމުން ދާނެ ކަމަށެވެ.

ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ގިނަ ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުން، ފައިސާ ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން، މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭނެގޮތް ހަމަޖެއްސުން އަދި މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމުގައި ފަސޭހަ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.