ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމުގެ ހިދުމަތް 24 ގަޑިއިރަށް ފުޅާކޮށްފި އެވެ. މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭ އެންމެހާ ހިދުމަތްތައް މިހާރު 24 ގަޑިއިރު ލިބެން ހުންނާނެ އެވެ.
މި ބަދަލު ގެނައީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރީން އެދުމުން އެވެ. އެރޭގެ ބައްދަލުވުމުގައި ރައީސް ވަނީ މުދާ ކްލިއަރކުރަން ފްރީކޮށް ހަމަޖެހިފައިވާ 80 ގަޑިއިރު 124 ގަޑިއިރަށް އިތުރުކުރާނެ ކަމަށް ވެސް އިއުލާނު ކުރައްވާފަ އެވެ.
ކަސްޓަމްސް އާއި އެމްއޭސީއެލްގެ އިސްބޭފުޅުންނާއި މަޝްވަރާކުރައްވައި ކްލިއަރެންސް މަސައްކަތް 18 ގަޑިއިރާއި 30 މިނެޓުން 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމެވި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިވެރީންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ