މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ގޭބަންދަށް ބަދަލުކުރަން ކޯޓުން ހުއްދައެއް ނުދިން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ގޭބަންދަށް ބަދަލުކުރަން ކޯޓުން ހުއްދައެއް ނުދިން

Author
ޙަސަން މުޙައްމަދު
22 ޑިސެމްބަރ 2025 08:51
0

1އެމްޑީބީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާކްގެ ހުކުމްގެ ބާކީ އޮތް ބައި ގޭގައި ތަންފީޒު ކުރުމަށް އެދި ހުށަހެޅުއްވި މައްސަލަ ކުއާލާލަމްޕޫރުގެ ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ. ގޭބަންދުގެ ހުއްދަ ދިން ޝާހީ ލިޔުމަކީ އިޖުރާއީ އުސޫލުތަކާ އެއްގޮތަށް ހަދާފައިވާ ލިޔުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ރަސްގެފާނުގެ މައާފުގެ ތެރެއިން މިދިޔަ އަހަރު ނަޖީބުގެ 12 އަހަރުގެ ޖަލު ހުކުން ހައެއް އަހަރަށް ކުރުކުރުމަށް ނިންމުމުން، ހުކުމްގެ ބާކީ އޮތްބައި ގޭގައި ތަންފީޒު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ނަޖީބު ވަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކަށް މަޖުބޫރު ކޮށްގެން ލިޔުން ހޯދާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހައިކޯޓުގެ ގާޒީ އެލިސް ލޯކޭ ހޯމަ ދުވަހު ވިދާޅުވީ ގޭބަންދުގެ ހުއްދަ ދިނުމުގެ ކުރިން ކުށްތަކަށް މާފުދިނުމާ ބެހޭ ބޯޑާ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

ޚިޔާނާތުގެ ކުށް ސާބިތުވެ 2020 ވަނަ އަހަރު ނަޖީބަށް 12 އަހަރުގެ ޖަލު ހުކުމާއި 210 މިލިއަން ރިންގިޓްގެ ޖޫރިމަނާ ކުރީ 1އެމްޑީބީއިން 4.5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ނަގައި ހޮލީވުޑް ފިލްމުތައް ހެދުމަށް ޚަރަދުކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގެ ސަބަބުން ނަޖީބުގެ ސަރުކާރު ބައިބައިވެ 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަލިވިއެވެ. ހުކުމްގެ އިސްތިއުނާފުގައި ކާމިޔާބު ނުލިބި 2022 ވަނަ އަހަރު ވަނީ ހުކުމް ތަންފީޒުކުރައްވަން ފަށާފައެވެ. އަދަބު ލުއިކުރުމުން ނަޖީބް 2028 ވަނަ އަހަރު މިނިވަންވާނެ ކަމަށް ލަފާކުރެވޭއިރު، ޖޫރިމަނާ 50 މިލިއަން ރިންގިޓަށް ވެސް ވަނީ ކުޑަކޮށްފައެވެ. އުމުރުން 71 އަހަރުގެ ނަޖީބު ވަނީ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކުރައްވާފައި ކަމުގައިވިޔަސް މިދިޔަ އަހަރު ފަހުކޮޅު މެލޭޝިއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.