އިރުވައި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ގެންގުޅުމަށް ހުއްޓުމެއް އަންނަން ޖެހޭ ކަމަށާއި، އެއަށް ފުރައްސާރަ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ދީފި އެވެ.
އީއާރުއޭއިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި އިރުވައި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ކަމަށާއި، މިފަދަ ދޫނިތަކަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ ދޫނި ހިފައި ގެންގުޅުމަކީ މަނާކަމެއް ކަމަށާއި، އެކަން ކުރާ ފަރާތްތަކަށް ޖޫރިމަނާކުރެވޭނެ ކަމަށް ބުންޏެވެ.
ހިޖުރަކުރާ ދޫނި ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، މީގެއިތުރުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް ފަދަ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ވެސް ރާއްޖެއަށް މިފަދަ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ކަމަށް އޮތޯރިޓީން ފާހަގަކުރި އެވެ.
ކޮންމެ އަހަރަކު މި މޫސުމުގައި ހިޖުރަކުރާ ދޫނި މަޅިފަތިޖައްސައި ހިފާ، ފިޔަކޮށާ، ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅޭކަމަށާއި، އެތަކެތި ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ. ވީމާ މިފަދަ އަމަލުތަކުން ދުރުހެލިވުމަށާއި ހިފާފައިވާ ދޫނިތައް ދޫކޮށްލުމަށް އީއާރުއޭން އަންގާފައިވެ އެވެ.
މިކަންކަމާ ގުޅޭގޮތުން މައުލޫމާތު ލިބިއްޖެނަމަ އީއާރުއޭގެ ހޮޓްލައިން 7980379 އަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެ އޮތޯރިޓީން އެދިފައިވެ އެވެ.
ކޮމެންޓު ފޮނުވާ