ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ކަލާފާނު ސްކޫލުގައި ނިންމާލައިފިއެވެ. ގުރުއަތުލުން ބޭއްވީ ހުޅުމާލޭގެ މާސްޓަރޕްލޭނަށް ގެނެވުނު ބަދަލުތަކާއި އެކު ކުރިން ދޫކުރި ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން އައު ލޮޓު ނަމްބަރު ކަނޑައެޅުމަށެވެ.
މި ފިޔަވަހިން ދޫކުރެވިފައިވާ ގޯތިތަކުގެ ސައިޒުތައް ބަލާއިރު 1650 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ހަމައަށް 7 ވައްތަރެއްގެ ސައިޒުގެ ގޯތިތައް ހިމެނެއެވެ. އެގޮތުން އެންމެ ގިނައީ 2050 އަކަފޫޓުގެ 242 ގޯތި ކަމަށްވާއިރު، އެންމެ މަދުން ހިމެނެނީ 3650 އަކަފޫޓުގެ 16 ގޯއްޗެވެ.
ގެދޮރުވެރިކަމުގެ ވުޒާރާއިން ހާމަކުރި ގޮތުގައި ގުރުއަތުލުން ނިންމުމަށްފަހު ގޯތި ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ފަހުން އާންމުކުރާނެއެވެ.
މިދިޔަ އަހަރު ތައްޔާރުކުރި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް ނިންމީ، ދެ ފިޔަވަހި ވަކިވާ ގޮތަށް ޕްލޭން ކުރެވިފައިވުމުން ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތައް ދިމާވާތީއެވެ. މިކަމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތީން ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ.
ކޮމެންޓު ފޮނުވާ