ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަން ތައްޔާރުވަމުންދާ ކަމަށް އިއުލާނު ކޮށްފި އެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލަގްޒަރީ އެސްކޭޕްސް އާ ގުޅިގެން ކަމަށާއި، އަންނަ އަހަރުގެ މެއި މަހު އޮސްޓްރޭލިއާގެ މެލްބަން އަށް މި ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަނުން ބުންޏެވެ. ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު މޯލްޑިވިއަނުން ކުރާ މިއީ ފުރަތަމަ ދަތުރުތަކަށް ވާނެ އެވެ. ސީޒަނަލްކޮށް ހަފްތާއަކު އެއްފަހަރު މި ދަތުރުތައް ކުރާނެ ކަމަށާއި، ރާއްޖޭގެ އެކި ހިސާބުތަކަށް މޯލްޑިވިއަނާއި ސީޕްލޭންގެ ދަތުރުތަކާ ގުޅުވައިގެން މި ސަރވިސް ފޯރުކޮށްދޭނެ ކަމަށް އައިލޭންޑް އޭވިއޭޝަނުން ހާމަކުރި އެވެ.
މި ދަތުރުތައް ފެށުމުން އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ، ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އޮސްޓްރޭލިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ފުރަތަމަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް 40،490 އޮސްޓްރޭލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 13 ޕަސަންޓް އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ