ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތީގެ ގުރުއަތުލުން މިއަދު

ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތީގެ ގުރުއަތުލުން މިއަދު

Author
އަހުމަދު
20 ޑިސެމްބަރ 2025 09:54
0

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން މިއަދު ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައި ފަށާނެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ތިންވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތި ދޫކުރާނެއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން އައު ލޮޓް ނަންބަރު ކަނޑައެޅުމަށްޓަކައި ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމާފައިވާކަމަށް އެވުޒާރާއިން ބުނެއެވެ. މި ގުރުއަތުލުމުގައި 1650 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ހަމައަށްގެ ތަފާތު ސައިޒުތަކުގެ ގޯތިތައް ދޫކުރާނެއެވެ.

ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެކަމަށާއި ގޯތި ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ހާޟިރުވާން ބޭނުންނަމަ ބާރު ލިޔުމާއި ކާޑުގެ ކޮޕީއާއެކު ހާޟިރުވުމުން ވަދެވޭނެކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބޭ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެކަމަށާއި ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން އެންގޭނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ. ގުރުއަތުނެގުމުގެ ހަރަކާތް ޕަބްލިކް ސަރވިސް މީޑިއާއިން ވަގުތުން ދުރަށް ދައްކާނެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ ބަނދަރަށް ބޭނުންވާ ޖާގަ ނެތުމާއި ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައި ވަކިވެފައިވުމުން ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތައް ދިމާވާތީއެވެ. މިހާރު 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު 30 ހެކްޓަރަށްވުރެ ބޮޑަށް ވަނީ ހިއްކާ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.