އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑީ ބީޗުގައި ޔަހޫދީންގެ 'ހަނުއްކާ' ފެސްޓިވަލަށް ދިން ބަޑީގެ ހަމަލާއެއްގައި 15 މީހުން މަރުވެ، 40 އަށްވުރެ ގިނަ މީހުން ޒަހަމްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުނެފި އެވެ.
ފުލުހުން އެ ހަމަލާ ސިފަކުރީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ. ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ އެއީ ރޭވިގެން ޔަހޫދީންނަށް ދިން ސީދާ ހަމަލާއެއް ކަމަށާއި ވިސްނާފިކުރު ވެސް ނުކުރެވޭ ވަރުގެ ނުބައި މަންޒަރުތަކެއް ފެނިގެން ދިޔަ ކަމަށެވެ.
ހަމަލާދިން މީހުންގެ ތެރެއިން އުމުރުން 50 އަހަރުގެ ފިރިހެނަކު ފުލުހުން މަރާލައިފައިވާއިރު، އޭނާގެ 24 އަހަރުގެ ދަރިފުޅު ސީރިއަސް ހާލުގައި ހައްޔަރުކޮށްފައިވެ އެވެ. އެ ސަރަހައްދުން ހަ ބަޑި ފެނިފައިވާއިރު، ދެ "ރޫޑިމެންޓަރީ" ޑިވައިސް ވެސް ފެނިފައިވެ އެވެ. އެ ޑިވައިސްތައް އެކްޓިވޭޓް ނުކުރެވުނީތީ ވަރަށް އުފާކުރާ ކަމަށް ފުލުހުންގެ ކޮމިޝަނަރު ވިދާޅުވި އެވެ.
ހާދިސާ ހިނގި އިރު 1000 އަށްވުރެ ގިނަ މީހުން އެ ފެސްޓިވަލަށް ޖަމާވެފައިވި އެވެ. ބޮޑުވަޒީރު ވިދާޅުވީ އޮސްޓްރޭލިއާއަކީ ބާރުގަދަ ގައުމެއް ކަމަށާއި ބައިބައިވުމާއި ނަފްރަތުގެ ތެރެއަށް އެއްގޮތަކަށް ވެސް ބޯނުލަނބާނެ ކަމަށެވެ. އދ.އިން ނާއި ދުނިޔޭގެ ލީޑަރުން ގެންދަވަނީ އެ ހާދިސާ ކުށްވެރިކުރަމުންނެވެ.
ކޮމެންޓު ފޮނުވާ