ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު އެއްގޮތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައި، އެ އުސޫލުގެ ދަށުން ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ހަރުވާޅު ލުން ލާޒިމުކޮށްފި އެވެ.
މި އުސޫލުގެ ދަށުން ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭއިރު، ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓް ލުމާއި ނުލުމުގެ އިހްތިޔާރު ވަނީ ދީފަ އެވެ. ނަމަވެސް ސްކާޓް ނުލާ ނަމަ ބެގީ ނުކުރެވޭނެ އެވެ. ގްރޭޑް ތިނަކާ ހަމައަށް ކިޔަވާ ކުދިންނަށް ހަރުވާޅު ލުމާއި ނުލުމުގެ އިހްތިޔާރު އޮންނާނެ އެވެ.
ފިރިހެން ދަރިވަރުންގެ ޔުނީފޯމަށް ބަލާއިރު، ކީ ސްޓޭޖް ތިނަކުން މަތީގެ ދަރިވަރުން ޓައީ އެޅުން ލާޒިމުވާއިރު، އެއަށް ވުރެ ތިރީގެ ދަރިވަރުންނަށް ޓައީ އެޅުން ލާޒިމެއް ނޫނެވެ.
ޔުނީފޯމުގެ ގަމީހުގެ ކުލައެއްގެ ގޮތުގައި ހުދު، މަޑު ރަތް، އުޑުނޫ އަދި ޓީލް ގްރީން ހިމެނޭއިރު، ހަރުވާޅާއި ސްކާޓް ހުންނާނީ ކަޅު ނުވަތަ ނޭވީ ބްލޫ ކުލައިގަ އެވެ. ސްކޫލުތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށް ފަހު އެކުލަވާލި މި އުސޫލަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ