ސައިކަލެއް ވަގަށް ނަގައިފިނަމަ އެ ސައިކަލް ފެންނަންދެން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ކުޑޫ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ފަހަކަށް އައިސް ސައިކަލް ވަގަށް ނެގުން އިތުރުވެފައިވާއިރު، މިކަމުގެ ސަބަބުން ސައިކަލްތަކުގެ ވެރިންނަށް މާލީ އަދި އިދާރީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ސައިކަލެއް ވަގަށް ނެގި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ސައިކަލް ފެންނަންދެން އަހަރީ ފީ މާފުކޮށްދިނުމަށާއި، ގެއްލުނު ސައިކަލް ފެނިއްޖެނަމަ ކުރީގެ ރަޖިސްޓްރީ އަލުން އިއާދަކޮށްދިނުމަށް ކުޑޫ ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ސްކޫލްތައް ނިމޭ ވަގުތު ޓްރެފިކް ބާރުބޮޑުވެ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ހާއްސަ އުސޫލެއް ކަނޑައަޅައިދިނުމަށްވެސް ކުޑޫގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.
ކޮމެންޓު ފޮނުވާ