އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ރާއްޖޭގެ 12 އަތޮޅެއްގެ 36 ރަށެއްގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި މަހުގެ 28 އިން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 2 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްތައް ހިންގަނީ ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އއ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ މެދުގައި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމާއި އިންތިހާބީ ނިޒާމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.
އީސީން ބުނީ މި ޕްރޮގްރާމުގައި ޑިމޮކްރެޓިކު ނިޒާމު ހިނގާ ގޮތާއި މަލްޓި ޕާޓީ ސިސްޓަމްއާ ގުޅޭ މައުލޫމާތުގެ އިތުރުން، ރައްޔިތުންނަށް ލިބިދޭ ހައްގުތަކާއި އެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާ ގުޅޭ މައުލޫމާތު ދޭނެ ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ އެކި އުމުރުފުރައިގެ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަންތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމުތައް ހިންގާނެ ކަމަށް ވެސް އީސީން ބުންޏެވެ.
މި ހަރަކާތުގައި ހިއުމަން ރައިޓްސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް ފުވައްމުލައް ލާނިން ސެންޓާ ބައިވެރިވާނެއެވެ. އަދި ޕަބްލިކް ސާވިސް މީޑިއާ މި ހަރަކާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާނެ ކަމަށް އީސީން ބުނެފައިވެއެވެ. މި ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި 24 ފަރާތަކުން އީސީން ހިންގި ޓްރޭނިން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ކޮމެންޓު ފޮނުވާ