މިދިޔަ އަހަރު ތާލިބާންގެ މަންދޫބަކާ ބައްދަލުކުރެއްވުމުގެ މައްސަލައިގައި ރާއްޖެ ގެނައި ޕާކިސްތާނުގެ ދިވެހި ސަފީރު މުހައްމަދު ތޯހާ އަނބުރާ އޭނާގެ މަގާމަށް އެނބުރި ވަޑައިގެންފި އެވެ.
ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ތޯހާ ވަނީ ތުރުކްމެނިސްތާނުގެ ސަފީރާ އެ އިދާރާގައި ބައްދަލުކުރައްވައިފަ އެވެ. ތާހާ ރާއްޖެ ގެނައި ތާ މިހާރު އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.
ތޯހާ ރާއްޖެ ގެނައީ އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ސަރުދާރު އަހްމަދު ޝަކީބާ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައި އިސްލާމްއާބާދުގައި ބައްދަލުކުރެއްވުމުން އެވެ. އެ ބައްދަލުވުމުގެ ސަބަބުން ރާއްޖޭން ތާލިބާންގެ ވެރިކަން ބަލައިގަތީތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އަފްޣާނިސްތާނުގެ މަންދޫބާ ތޯހާ ބައްދަލުކުރެއްވީ ސަރުކާރުގެ ހުއްދަ ނެތި ކަމަށާއި އެކަމުގައި އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ރާއްޖެއިން ގައުމުތައް ބަލައިގަތުމުގައި އދ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
2021 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އަފްޣާނިސްތާނުން ފައިބުމާ އެކު ތާލިބާންގެ ހަނގުރާމަވެރިން އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި ވެރިކަމާ ހަވާލުވި އެވެ. ނަމަވެސް ހަތަރު އަހަރު ވީއިރު ވެސް ގިނަ ގައުމުތަކުން ތާލިބާންގެ ސަރުކާރު ގަބޫލެއް ނުކުރެ އެވެ.
އޭނާ އެނބުރި ޕާކިސްތާނަށް ވަޑައިގެން މަގާމު ފުރުއްވަން ފެށްޓެވި ސަބަބު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓު ފޮނުވާ