މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް މެލޭޝިއާގެ ފުންނާބު ތަޖުރިބާކާރެއް ކަމަށްވާ ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ އައްޔަންކުރައްވައިފިއެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ތަރައްގީކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މި އިދާރާގެ އިސްވެރިޔާއަކަށް އައްޔަންކުރެއްވި ދާތޯ އިސްކަންދަރުއަކީ އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެކެވެ.
އޭނާ ވަޒީފާގެ ދާއިރާ ފެށިގެން އައީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިންނެވެ. 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެން، އޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު ގާނޫނީ، ސުޕަރވިޜަން، ސިޔާސަތު އަދި ހިއުމަން ރިސޯސަސް ފަދަ އިސް ދާއިރާތައް ބެލެހެއްޓެވިއެވެ. އަދި 2020 އިން 2025 އަށް ލަބުއާން އައިބީއެފްސީ ބަރހާދްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
ގާނޫނީ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ ދާތޯ އިސްކަންދަރު، ލަބުއާން އެފްއެސްއޭ ގާއިމުކުރުމަށް ބޭނުންވި ގާނޫނު އެކުލަވާލެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު އޮފްޝޯ ފައިނޭންސިންއާ ބެހޭ އިސްލާމީ ޝަރީއަތުގެ ގާނޫނުތައް ފުރަތަމަ ފަހަރަށް އެކުލަވާލެއްވުމުގެ އިތުރުން، ފައިސާ ލޯންޑަރކުރުމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ކޮމިޓީގެ މެންބަރެއްގެ ގޮތުންވެސް ހިދުމަތްކުރައްވާފައިވެއެވެ.
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ ހާސިލްކުރެއްވުމުގެ އިތުރުން، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކުރައްވާފައިވާ އެމަނިކުފާނަކީ ސަރޓިފައިޑް ފައިނޭންޝަލް އިންވެސްޓިގޭޓަރެއްގެ އިތުރުން، ޝަރުއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މި މަގާމާ ހަވާލުވެވަޑައިގެން ދާތޯ އިސްކަންދަރު ވިދާޅުވީ، ޒަމާނީ ދެމެހެއްޓެނިވި މާލީ މަރުކަޒެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމަކީ ދުނިޔޭގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ބައިނަލްއަގްވާމީ މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، މި މަގާމާ ހަވާލުވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ