9،000 އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ އެ ރަށަށް ކަނޑާއި ވައިގެ މަގުން ފެން ކޭސް ފޮނުވަން ފަށައިފަ އެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ހަވީރު ވިދާޅުވީ ފެނަކައިން އެމްއެފްޑީއޭ އާއި އެޗްޕީއޭގެ އިރުޝާދާ އެކު މުޅި ޕައިޕްލައިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް ހަ ގަޑިއިރުގެ ތެރޭގައި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާނެ ކަމަށެވެ. އެހެންނަމަވެސް، އަދިވެސް ގިނަ ގެތަކަށް ސަޕްލައި ފެން ނުލިބޭކަމުގެ ޝަކުވާ ރަށުން ދަނީ ކުރަމުންނެވެ.
ރަށުން ސަޕްލައި ފެން ކަނޑާލުމާ އެކު، ފުޅީގައި ބަންދުކުރި ފެން ގަތުމަށް ގިނަ ބަޔަކު ފިހާރަތައް ދޮށުގައި ކިޔު ދަމާލިއިރު، ގިނަ ފިހާރަތަކުން ފެން ހުސްވެސް ވިއެވެ. ސަރުކާރުން ފެން ފޮނުވަން ފެށުމާއެކު، އެމްއެންޑީއެފުން އަންނަނީ ފެން ބޭނުން ވެގެން ނަން ނޯޓުކޮށްފައިވާ ގެތަކަށް ފެން ފޮނުވަމުންނެވެ. ނަމަވެސް ރަށުގެ ފްލެޓް ސަރަހައްދާއި ޗަސްބިން ސަރަހައްދުގެ ގެތަކަށް ފެން ނުލިބޭތީ ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ.
ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ ކަމަށް ފެނަކައިން ބުނި ނަމަވެސް، ރަށުގެ ގިނަ ބަޔަކާއި ފުވަމުލަކު މޭޔަރު އިސްމާއިލް ރަފީގް އެކަމާ އެއްބަހެއް ނުވެ އެވެ. މޭޔަރު ވިދާޅުވީ ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައަކަށް ވެފައި، ގަވައިދުން ފެން ޓެސްޓުކުރުމާއި ހޮޅިތައް ސާފު ކުރުން ފަދަ ކަންކަން ނުވެ ހުރިކަމަށެވެ. ރަށުގެ ބައެއް މީހުން ބުނި ގޮތުގައި، މުޅި މައްސަލަ ހައްލުކޮށް އަލުން ފެން ފޯރުކޮށްދޭން ދެތިން ދުވަސް ނަގާނެ އެވެ. ސަރުކާރުން މިހާތަނަށް ވަނީ ފުވައްމުލަކަށް 2،800 ފެން ކޭސް ފޮނުވާފަ އެވެ.
ކޮމެންޓު ފޮނުވާ