ޚުތުބާ: އުގެނުމުގެ މާތްކަމާއި، އުގަންނާދޭ ފަރާތްތަކަށް ޚާއްސަ މެސެޖުތަކެއް

ޚުތުބާ: އުގެނުމުގެ މާތްކަމާއި، އުގަންނާދޭ ފަރާތްތަކަށް ޚާއްސަ މެސެޖުތަކެއް

ގުޅުންހުރި

އިސްލާމްދީނަކީ ޢިލްމުގެ ދީން ކަމަށާއި، އިލްމުގެ އުގެނޭ ފަރާތްތަކާއި، އިލްމު އުގަންނައިދޭ ފަރާތްތަކަށް މިއަދުގެ ހުކުރު ޚުތުބާގައި ޚާއްސަ މެސެޖުތަކެއް ދެއްވައިފިއެވެ.

މިއަދުގެ ޚުތުބާގައިވަނީ ކޯވިޑް-19 ގެ ބަލި މަޑުކަމަށްފަހު އަލުން ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނެވެރިން ސަމާލުކަންދޭންވީ ކަންތައްތަކަށް އަލި އަޅުވާލާފައެވެ. ތައުލީމު އުގެނުމުގެ މާތްކަމާއި، އިސްލާމީ އަޤީދާގައި ދެމި ހުރުމަށް އިސްލާމީ ތައުލީމު އުގެނުމުގެ މާތްކަމަށް މިއަދުގެ ޚުތުބާގައި ބަލާލާފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ ޢިލްމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި ޢިލްމަކީ ޝަރުޢީ ޢިލްމު ކަމުގައެވެ. ހަމަ އެއާއެކު، ދިރިއުޅުމަށް މަންފާކުރަނިވި، އަދި  ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ދުންޔަވީ ތަފާތު ޢިލްމުތަކުގައި ކުރިއަރައިދިޔުމަކީ ވެސް އިސްލާމް ދީން އަމުރުކުރާ ކަމެއްކަމުގައެވެ. ހުޅަނގުގެ ޤައުމުތައް އަނދިރީގައި އޮތް އިރު، ބޭސްވެރިކަމާއި، ކެމިސްޓްރީއާއި، ފިޒިކްސްއާއި، ޙިސާބާއި، ފަލަކީ ޢިލްމު ފަދަ ދާއިރާތަކުގައި މުސްލިމް ޢިލްމުވެރިންގެ ޚިދުމަތްތަކާއި، އީޖާދުތައް މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ މި މަފްހޫމުގައި ކުރެވުނު ބިނާ ކުރަނިވި މަސައްކަތުގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޢިލްމީ ފޮތްތަކާއި ދިރާސާތައް ތަފާތު ބަސްތަކަށް ތަރުޖަމާ ކޮށް، ޝާއިޢުކޮށް، މުޅި އިންސާނިއްޔަތަށް ފައިދާ އާއި ލާބަ ހުރި އާ އީޖާދުތައް ކުރި، ބޮޑު ޙަޟާރަތެއް ބިނާވެ، ޢިލްމީ މި އުފެއްދުންތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެގެންދިޔަ ކަމަށެވެ.

މައިބަފައިންނަށް ދެއްވާފައިވާ ޚާއްސަ އިރުޝާދު: 

ދަރިންނަށް ތަޢުލީމު ދިނުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރަކީ އެކަމަށް ތަޢުރީފު ޙައްޤު ދައުރެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާގެ ޙާލަތު މުޅިން ހަމަޔަކަށް އެޅިފައި ނުވިނަމަވެސް، ދަރިވަރުން ސްކޫލް މަދަރުސާ އަދި ކޮލެޖު ޔުނިވަސިޓީތަކަށް ފޮނުވައިގެން އުނގަންނައިދިނުމަކީ، ވަރަށް މުހިއްމު ކަމެއްކަމަށާއި، އެހެނީ ނިޒާމީ ތަޢުލީމުގެ އަމާޒުތަކުގެ ތެރޭގައި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރަން ދަސްވުން ހިމެނޭކަމަށެވެ.

އެހެންކަމުން ވޭތިވެ ދިޔަ އަހަރު، ތަޢުލީމުން ބީވެގެން ދިޔަ ބައި ޙާޞިލުކޮށްދެވޭތޯ، ބެލެނިވެރިން، ހީވާގިކަމާ އެކު މަސައްކަތް ކޮށްދެއްވާ! ދަރިން ސްކޫލްތަކަށް ފޮނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ! ތިޔަ ލޮބުވެތި ބެލެނިވެރިން އެ ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދީ، ކޮންމެ ދުވަހަކު، އެކުދިން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަ މަސައްކަތް ފެންނަ ހިނދު އެކަމާ އުފާނުކުރާނީ ފަހެ ކާކުހެއްޔެވެ؟ ދަރިންނަކީ މާތް ﷲ އަހަރެމެންނާ ޙަވާލުކުރައްވާފައިވާ ބޮޑު އަމާނަތެކެވެ. އެކުދިން ރަނގަޅު ގޮތުގައި، ތަރުބިޔަތު ބޮޑު ކުރެވިއްޖެ ނަމަ އެކުދިންގެ ހެޔޮދުޢާގެމައިންބަފައިންނަށް ކުރާނެ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

މަދަރުސާތަކުގެ އިސް ވެރިންނަށް ދެއްވާފައިވާ އިރުޝާދު:

މަދަރުސާ އަކީ ދަރިންގެ ދެވަނަ ހިޔާވައްސެވެ. އެކުދިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، ދުނިޔޭގެ ވެއްޓަށް ހޭލުންތެރިކޮށް، ކުދިން ބިނާކުރާ ތަނަކީ މަދްރަސާއެވެ. މަދްރަސާއިން މި މުހިއްމު ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، އުއްމަތުގެ މުސްތަޤްބަލު އުޖާލާވާނެއެވެ. ބާއްޖަވެރިކަމުގެ މަގުތައް އަލިވެ، ފާގަތިކަން އިތުރުވާނެތެވެ. މި ބުރަ މަސައްކަތް ކުރެވޭނީ މަދްރަސާތަކުގެ ވެރިންނާއި، ބެލެނިވެރިން ގުޅިގެންނެވެ. އެ ދެފަރާތުގެ ލަނޑުދަނޑިތަކާއި، އުއްމީދުތައް އެކައްޗަކަށް ހަދައިގެންނެވެ.

ދަރިންނަށް ތަޢުލީމު ދިނުމާއި، އެ ކުދިން ތަރުބިޔަތު ކުރުމުގައި އެންމެން އެއްބާރުލަމާ ހިނގާށެވެ! ޤައުމު ރަނގަޅު ގޮތުގައި ތަރައްޤީކޮށް، އެއްބައިވަންތަކަން މަތީ، ދެމެހެއްޓޭނީ އޭރުންނެވެ. އޯގާވަންތަ ﷲ! އަޅަމެންގެ ދަރިންނަށް ދުނިޔެ އާއި އާޚިރުގައި ފައިދާކުރަނިވި ތަކެތި އުނގަންނައިދިނުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އާމީން!

އެދުރުންނަށް ދެއްވާފައިވާ އިރުޝާދު:

ދަރިން ތަރުބިޔަތުކޮށް، އިސްލާމް ދީނަށާއި، ޤައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި، އެންމެބޮޑު މަސްއޫލިއްޔަތެއް އުފުލާބަޔަކީ އެދުރުން ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. ކުދިންނަށް ފުރިހަމަ ތަރުބިޔަތެއް ދެވޭނީ ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާ އެކު އެދުރުން އެ މަސްއޫލިއްޔަތު އަދާކުރައްވައިގެން ކަމަށާއި، އެދުރުން
ކިޔަވައިދެއްވާ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ އެދުރުންގެ މައްޗަށްކަން ހަނދުމަފުޅު ބަހައްޓެވުމަށް ހުތުބާގައިވަނީ އިރުޝާދު ދެއްވާފައެވެ.

އެކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ ތިޔަ އެދުރުން އެކުދިންނަށް ރަނގަޅު ކަމުގައި ދެއްކެވި އެއްޗެކެވެ. އަދި އެކުދިން ހުތުރު ކަމުގައި ދެކޭނީ ތިޔަ އެދުރުން އެގޮތަށް ދެކެވަޑައިގަންނަވާ އެއްޗެކެވެ. ވީމާ އެކުދިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ އެދީނަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހަދާށެވެ.

ޚުތުބާގައިވަނީ ދަރިވަރުންނަށްވެސް ޚާއްސަ މެސެޖުތަކެއް ދެއްވާފައެވެ. ދަރިވަރުންނަށްޓަކައި މައިންބަފައިންނާއި، ދައުލަތުން ކުރަމުންދާ ހޭދަ އާއި، ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަނީ ގޮވާލާފައެވެ. އަދި އުނގެނޭ ޢިލްމުގެ ނޫރުން ﷲ ގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި، ޤައުމަށް ކުރިއެރުން ހޯދައިދިނުމަށާއި، އުނގެނުނު ޢިލްމާއި، ރިވެތި އަޚްލާޤާއި، ހުނަރުން، އިސްލާމް ދީނަށާއި، ވަޠަނަށްޓަކައި ޤުރްބާންވާން ކެރޭ ދަރިންތަކަކަށް ވުމަށް، ހުތުބާގައިވަނީ ދަރިވަރުންނަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ