ނައިޖީރިއާގައި ކްރިސްޓިއަނުން މަރަމުންދާ ކަމަށް ބުނެ، އެގައުމަށް އަރައިގަންނާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި

ނައިޖީރިއާގައި ކްރިސްޓިއަނުން މަރަމުންދާ ކަމަށް ބުނެ، އެގައުމަށް އަރައިގަންނާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި

Author
ޙަސަން މުޙައްމަދު
02 ނޮވެމްބަރ 2025 03:04
0

ނައިޖީރިއާގައި ކްރިސްޓިއަނުން މަރަމުންދާ ކަމަށް ބުނެ، އެގައުމަށް އަރައިގަންނާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ޓްރަމްޕް ވިދާޅުވެފައިވަނޯ، ކްރިސްޓިއަން ދީނުގެ މީހުން މެރުމުގެ ނުބައި އަމަލުތައް ހުއްޓުވަން ނައިޖީރިއާ ސަރުކާރުން މަސައްކަތް ނުކުރާނަމަ އެމެރިކާ އިން ސިފައިންނާއެކު އެ ގައުމަށް ވަންނާނެ ކަމުގައެވެ.

މީސް މީޑިއާގައި ޓްރަމްޕް ކުރި ޕޯސްޓެއްގައި ބުންޏީ، ނައިޖީރިއާގައި ކްރިސްޓިއަނުން މެރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފި ނަމަ، އެފްރިކާގެ އެ ގައުމަށް އެމެރިކާއިން ދެމުންދާ ހުރިހާ އެހީއެއް ވަގުތުން ހުއްޓާލާނެ ކަމަށެވެ. އަދި މި އަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ މީހުން ނައްތާލުމަށް އެމެރިކާގެ ސިފައިން އެ ސަރަހައްދަށް ވަދެ، ވަރަށް އަވަހަށް ނަތީޖާ ހާސިލުކުރާނެ ކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.

މި އިންޒާރު ދީފައިވަނީ، ދީނީ އަނިޔާތައް މޮނިޓާކުރާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެކުލަވާލި "ކަންޓްރީސް އޮފް ސްޕެޝަލް ކޮންސާން" ލިސްޓުގައި ނައިޖީރިއާ ހިމަނާފައިވާ ކަމަށް ޓްރަމްޕް އިއުލާންކުރިތާ އެއްދުވަސް ފަހުންނެވެ. އެމެރިކާގެ ބައެއް ސިޔާސީ ލީޑަރުން ބުނަމުން ގެންދަނީ ނައިޖީރިއާގައި ހިނގަމުންދަނީ "ކްރިސްޓިއަން ޖެނޮސައިޑް" ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. ނައިޖީރިއާގައި ހަމަނުޖެހުން އުފެދިފައިވަނީ ބޯކޯ ހަރާމް އަދި އެހެނިހެން ހަތިޔާރު އެޅި ޖަމާއަތްތަކުގެ އަމަލުތަކާ ގުޅިގެންނެވެ. މި އިންޒާރަށް ނައިޖީރިއާ ސަރުކާރުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.