ދެކުނުގެ ރަށެއްގައި ހުންނަ ސްކޫލެއްގެ ދިވެހި ފިރިހެން ޓީޗަރަކު ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސްއަށް ހުށަހެޅި މި މައްސަލާގައި، 40 އަހަރުގެ ޓީޗަރު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސްކޫލްތަކުގައި ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މި ދުވަސްވަރު އިތުރުވަމުން އަންނަތާ ކަންބޮޑުވުން ފާޅުވަމުންދެއެވެ. މިދިޔަ މަހު ހުޅުމާލޭގައި ދިވެހި ޓީޗަރަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި، އުތުރުގެ ރަށެއްގައި އިންޑިއާގެ ޓީޗަރަކު ދަރިވަރުންގެ ގައިގައި އަތްލައި ނުރަނގަޅު ވާހަކަތައް ދައްކައި ބިރުދައްކައިފައިވާ މައްސަލަތައް ފުލުހުން ބަލަމުންދާއިރު، އެ ޓީޗަރުން ވެސް ހައްޔަރުކޮށްފައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން މި މައްސަލަތަކުގައި އެކި ޓީޗަރުން ސަސްޕެންޑްކޮށްފައިވާއިރު، މިފަދަ މައްސަލަތައް ހައްލުކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހިފައިވާކަން ހާމަވަމުންދެ އެވެ.
ކޮމެންޓު ފޮނުވާ