ރެއާ އާތު މިނެރަލް އިމްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި އެމެރިކާއިން މެލޭޝިއާއާ އެކު ސޮއިކޮށްފި

ރެއާ އާތު މިނެރަލް އިމްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި އެމެރިކާއިން މެލޭޝިއާއާ އެކު ސޮއިކޮށްފި

Author
ޙަސަން މުޙައްމަދު
27 އޮކްޓޯބަރ 2025 09:27
0

ސްމާޓްފޯނާއި އިލެކްޓްރިކް ކާރު އަދި އަސްކަރީ ސާމާނު އުފެއްދުމުގައި ބޭނުންކުރާ މުހިއްމު ބާވަތެއް ކަމަށްވާ ރެއާ އާތު މިނެރަލް އިމްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި އެމެރިކާއިން މެލޭޝިއާއާ އެކު ސޮއިކޮށްފި އެވެ. އާސިއާން ސަމިޓްގައި ބައިވެރިވުމަށް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑުވަޒީރު އަންވަރު އިބްރާހީމާ އެކު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދުނިޔޭގެ ބާޒާރުގައި މި ބާވަތުގެ ވިޔަފާރި ހިންގާ ޗައިނާގެ ބާރު ކުޑަކުރުމުގެ ބޮޑު ފިޔަވަޅެއްގެ ގޮތުގަ އެވެ.

މެލޭޝިއާއާ އެކު މި އެއްބަސްވުން ހަދާފައިވަނީ ރެއާ އާތު މިނެރަލް އެންމެ ގިނައިން އެކްސްޕޯޓްކުރާ ޗައިނާއިން މި ބާވަތް ވިއްކުން މަދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާގެ މި ފިޔަވަޅުގެ އަސަރު ބޮޑަށް ކުރިމަތިވާ އެމެރިކާއިން ޗައިނާގެ އުފެއްދުންތަކުން 100 ޕަސެންޓްގެ ޓެރިފް ނަގާފާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާއިން ރެއާ އާތު މިނެރަލްސް އެކްސްޕޯޓްކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅޭނެ އެވެ. އޭގެ ބަދަލުގައި އެމެރިކާއިން މެލޭޝިއާގެ އުފެއްދުންތަކަށް ހިމަނަމުން އައި ޓެރިފް 19 ޕަސެންޓަށް ދަށްކުރާނެ އެވެ. މީގެ އިތުރުން މެލޭޝިއާއިން އެމެރިކާއާ ގުޅިގެން އެ ގައުމުގެ މިނެރަލް އިންޑަސްޓްރީ ތަރައްގީކުރަން ވައުދުވެފައިވެ އެވެ. އޭޝިއާ ބައްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ބައްދަލުކުރައްވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.