އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަށް ރައީސްކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އޭޝިއާ-ޕެސިފިކް ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި މެލޭޝިއާގެ ކުއަލަލަމްޕޫރަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖަމިއްޔާ (އާސީއާން) ގެ 47 ވަނަ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން ޓްރަމްޕް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ޓްރަމްޕް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމާއެކު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ސަމިޓްގައި ރައީސް ޓްރަމްޕް މެލޭޝިއާގެ ބޮޑުވަޒީރާ އެކު ބައްދަލުކުރައްވުމާއި، ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ހިނގި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމާއި، އާސީއާންގެ ލީޑަރުންނާ އެކު ބައްދަލުކުރައްވައި، ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
މި ސަމިޓް ފެށިގެން އައީ އާސީއާންގެ 11 ވަނަ މެމްބަރު ގައުމުގެ ގޮތުގައި އީސްޓް ޓިމޯރު ރަސްމީކޮށް އެ ޖަމިއްޔާއާ ގުޅިގެންނެވެ. 1967 ވަނަ އަހަރު އުފެދުނު އާސީއާންގައި މިހާރު ބްރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް އަދި އީސްޓް ޓިމޯރު ހިމެނެއެވެ.
ތިން ދުވަހަށް ކުރިއަށްދާ މި ސަމިޓްގައި ސަރަހައްދީ އެއްބާރުލުމާއި ހަމަޖެހުން ގާއިމުކުރުމާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ. އެމެރިކާގެ ރައީސަކު އާސީއާން ސަމިޓްގައި ބައިވެރިވެވަޑައިގަތުމަކީ، އެމެރިކާއާއި އޭޝިއާ ސަރަހައްދުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ބަލަހައްޓަމުން، ޓްރަމްޕްގެ މި ދަތުރުފުޅަކީ އޭޝިއާ ސަރަހައްދަށް އެމެރިކާ ދޭ ސަމާލުކަމުގެ ހެއްކެއްކަމަށް ވެއެވެ.
ކޮމެންޓު ފޮނުވާ