މާލެ ސަރަހައްދަށް ހެޔޮ އަގުގައި ގެދޮރު ގަތުމުގެ ލޯން ސްކީމެއް ތައާރަފު ކުރަނީ

މާލެ ސަރަހައްދަށް ހެޔޮ އަގުގައި ގެދޮރު ގަތުމުގެ ލޯން ސްކީމެއް ތައާރަފު ކުރަނީ

Author
ޙަސަން މުޙައްމަދު
25 އޮކްޓޯބަރ 2025 11:28
0

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަތުމަށް ލޯނު ހޯދައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފު ކުރުމަށް ނިންމައިފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ސްކީމްގެ ދަށުން ދޫކުރާ ލޯނު ދައްކަން ޖެހޭ މުއްދަތަކީ 25 އަހަރު ކަމަށާއި ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް ފައިނޭންސިން ހަމަޖެއްސުމަކީ އަމާޒު ކަމަށެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މި ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް މައިގަނޑު ދެ ގޮތެއް ހިމެނެ އެވެ. ބޭންކުން ފައިނޭންސްކޮށްގެން ހިންގާ މަޝްރޫއުތަކަށް ދޫކުރާ ފެސިލިޓީގައި އަހަރަކު 5 ޕަސެންޓްގެ އިންޓްރެސްޓް ނަގާއިރު، ރަހުނެއް ނުވަތަ އިކުއިޓީއެއް ބަހައްޓަން ނުޖެހޭނެ އެވެ. މި އުސޫލުގެ ދަށުން ލޯނުގެ މުއްދަތު ނިމުމުން ގެދޮރުގެ މިލްކުވެރިކަން ލޯނު ނެގި މީހާގެ ނަމަށް ބަދަލުވެގެން ދެ އެވެ. ޑިވެލޮޕަރުން ފައިނޭންސްކޮށްގެން ހިންގާ މަޝްރޫއުތަކުން ގެދޮރު ގަތުމަށް ދޫކުރާ ފެސިލިޓީގައި އިންޓްރެސްޓް ރޭޓަކީ 6 ޕަސެންޓް ކަމަށާއި 5 ޕަސެންޓް އިކުއިޓީއެއް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މި ސްކީމްގެ ދަށުން ފައިނޭންސިން ލިބޭނީ އެމްއެމްއޭއިން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެކަނި ކަމަށާއި އަލަށް ފްލެޓް ނުވަތަ ގެދޮރު ގަންނަ އަދި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ގާބިލުކަން ހުރި މީހުންނަށް މި ފެސިލިޓީ ލިބޭނެ ކަމަށް އެމްއެމްއޭ އިން ހާމަކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.