ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ 2025 ވަނަ އަހަރުގެ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީއަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގެ ތަރިކައާއި، ސަގާފަތާއި ތާރީހަށްވެސް ނުރައްކާ ކުރިމަތިވާތީ، މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހަގީގަތެއް ކަމަށް އެމަނިކުފާނު ވަހީދު ވިދާޅުވިއެވެ.
"ކުޑަވުމަކީ ބާރެއް ނެތުން ނޫން" ކަމަށް ފާހަގަކުރައްވަމުން، ރާއްޖެއިން ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުގެ އަހަންމިއްޔަތުކަން ޑރ. ވަހީދު ފާހަގަކުރެއްވިއެވެ. ނާޒުކު ގައުމުތަކަށް އިހުމާލުވިޔަ ނުދިނުމަށް، ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދައި ފުރިހަމަ ނަތީޖާއަކަށް ބަދަލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ހަގީގީ ލީޑަރޝިޕް މިނެކިރާނީ ބާރާއި މުއްސަނދިކަމުގެ މީޒާނަކުން ނޫން ކަމަށާއި، ކުރު-ރާސްތާ މަންފާއަކަށްވުރެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ސާބިތު ލީޑަރޝިޕެއްގެ ސިފަކަމަށްވެސް ވިދާޅުވިއެވެ. ކާމިޔާބު ހޯދުމަށްޓަކައި ރާއްޖެއިން އިހުތިޔާރު ކުރަނީ އުންމީދާ، ހިތްވަރާއި ދެމެހެއްޓެނިވި އުންމީދުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ބިނާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ