ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ އަސްކަރީ ޗީފް އޮފް ސްޓާފް މުހައްމަދު އަލް ޣަމާރީ އިސްރާއީލުން ދިން ހަމަލާއެއްގައި ނިޔާވެފައިވާ ކަމަށް އެ ޖަމާއަތުން އިއުލާންކޮށް، އިސްރާއީލަށް ބަދަލު ހިފުމުގެ އިންޒާރު ދީފިއެވެ.
ހޫތީންގެ ބަޔާނުގައި ޣަމާރީއާއި އޭނާގެ ފުރާވަރުގެ ދަރިފުޅު މި އަވަހާރަވީ އިސްރާއީލުގެ ހަމަލާއެއްގައި ކަމަށް ޔަގީންކޮށްދީފައިވެއެވެ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ، ޣަމާރީ މަރުވީ އޮގަސްޓް މަހު ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ވައިގެ ހަމަލާއިން ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށެވެ.
"ޓެރަރިޒަމްގެ އިސްވެރިންގެ ސަފުގެ ޗީފް އޮފް ސްޓާފް މަރާލާފައިވާއިރު، އަޅުގަނޑުމެން އެ ހުރިހާ އެންމެންނާ ހަމައަށް ވާސިލްވާނަން،" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވެއެވެ.
ޣައްޒާއަށް އެހީވުމުގެ ގޮތުން ހޫތީން ރަތް ކަނޑުގެ ބޯޓުފަހަރަށް އާއި އިސްރާއީލަށް ދަނީ ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލުން އެތައް ފަހަރަކު ހޫތީންނަށް ވައިގެ ހަމަލާތައް ދީފައިވެއެވެ. ނަމަވެސް މިދިޔަ ހަފްތާގައި ހަމާސްއާއެކު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްބަސްވި ފަހުން ހޫތީންގެ ހަމަލާތައް މަޑުޖެހިފައިވެއެވެ. ހޫތީންގެ ލީޑަރު އަބްދުލް މަލިކު އަލް ހޫތީ ވަނީ އެއްބަސްވުން ތަންފީޒު ނުކުރެވިއްޖެނަމަ އިސްރާއީލާ ދެކޮޅަށް އަލުން ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބޭނެ ކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ