ކުރީގެ ސީޕީ ހަމީދު ބޮޑީ ކެމެރާ ގަތުމުގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު

ކުރީގެ ސީޕީ ހަމީދު ބޮޑީ ކެމެރާ ގަތުމުގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު

Author
އަހުމަދު
14 އޮކްޓޯބަރ 2025 02:46
0

ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަގާމުގައި ހުންނަވައި، ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ގަތުމުގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ތުހުމަތުކޮށްފިއެވެ.

ފުލުހުންގެ ހައުސިން މަޝްރޫއުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަމުން އަންނަ ޚާއްސަ ސަބް ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކޮމިޝަނަރުކަމުގައި ހަމީދު ހުންނެވިއިރު ބޮޑީ ވޯން ކެމެރާތައް ގަތުމުގައި ކުރި މުއާމަލާތް ބޮޑު ސުވާލުތަކެއް އުފައްދާ ކަމަށެވެ. ފުރަތަމަ އެ މަސައްކަތް ބީލަމަށް ލުމަށް ފަހު، އެ ބާތިލުކޮށްފައި އަލުން ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކޮށްފައިވާތީ އެކަމާ ޝައްކުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތަށް 66 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އެ މުއާމަލާތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، ހަމީދު މަގާމުން ރިޓަޔާކުރެއްވުމަށް ފަހު ކެމެރާ ސަޕްލައިކުރި އެ ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންނެވުމުން މި މައްސަލަ އަލުން އުފެދިފައިވާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަހުގީގުކުރަންޖެހޭ މައްސަލައެއް ކަމަށާއި، އެ މުއާމަލާތުގައި ޕްރޮފެޝަނަލް މިސްކޮންޑަކްޓް ނޫނީ މޯރަލް އިޝޫސް ހުރިކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބޮޑީ ވޯން ކެމެރާ ރަސްމީކޮށް އިފްތިތާހުކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.