އެމްޓީސީސީގެ މަހާޖައްރާފު މަރާމާތުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅައިފި

އެމްޓީސީސީގެ މަހާޖައްރާފު މަރާމާތުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
03 އޮކްޓޯބަރ 2025 11:32
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބިން ހިއްކުމަށް ބޭނުންކުރާ މަހާޖައްރާފު މަރާމާތުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އެމްޓީސީސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރު މަހާޖައްރާފަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް ދުބާއީގެ ޑޮކްޔާޑަކުން ޚިދުމަތް ހޯދިއިރު، އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވާ ކަން ކުންފުނީގެ އެތެރޭގެ އޮޑިޓަރާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ކުންފުނިން ބުނެ އެވެ.

މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ބަލައި، ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަންތައްތައް ބަލައި ތަހުގީގުކުރުމަށް އޭސީސީގައި އެދިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދިނެވެ.

މީގެ އިތުރުން، އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް ބައެއް ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި މިދިޔަ ބުދަ ދުވަހު އެދިފައިވާ ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ. ހިއްސާދާރުންނަށް އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިފައިވާ ކަމަށް އެމްޓީސީސީން ބުނިނަމަވެސް، އެއީ ކޮން ފަރާތްތަކެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޓީސީސީގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަމުންދާ ކަމަށް އެ ކުންފުނިން ބުނި އިރު، މިރޭ އެޗްޑީސީން ވެސް 2019 އިން 2023 ގެ ނިޔަލަށް އެ ކުންފުނީގެ 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކުރީ ސަރުކާރުގެ ދައުރުގައި ސަރުކާރު ކުންފުނިތަކުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަތައް މިހާރު ތަހުގީގުކުރަމުން އަންނައިރު، އެޗްޑީސީގެ އިތުރުން ފެނަކަ އާއި އެމްއެމްޕީއާރުސީ ފަދަ ކުންފުނިތަކުން ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ވެސް ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނަ ކަމަށް ރިޕޯޓުކުރެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.