ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މިލިޓަރީ ކޯޓަކުން އެ ޤައުމުގެ ކުރީގެ ރައީސް ޖޯސެފް ކަބީލާއަށް މަރުގެ ޙުކުމް އިއްވައިފިއެވެ. 18 އަހަރު ވެރިކަމުގައި ހުންނެވި ކަބީލާގެ މައްޗަށް މި ޙުކުމް އިއްވީ، އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުތައް ސާބިތުވުމުންނެވެ.
ކަބީލާގެ ޣައިރު ޙާޟިރުގައި އިއްވި މި ޙުކުމަކީ، އޭނާ ކޮންގޯގެ އިރުމަތީ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމް 23 ބާޣީ ޖަމާޢަތަށް އެހީތެރިވި ކަމުގެ ތުހުމަތާ ގުޅިގެން އިއްވި ޙުކުމެކެވެ.
2001 ވަނަ އަހަރު ބައްޕަ ލޯރެންޓް ކަބީލާ މަރާލުމާއި ގުޅިގެން ވެރިކަމާ ޙަވާލުވި ޖޯސެފް ކަބީލާ، 2019 ވަނަ އަހަރު ވެރިކަމުން ވަކިވެވަޑައިގަތެވެ. އެ ވަގުތުން ފެށިގެން 2023 ވަނަ އަހަރު ކޮންގޯއިން ފުރައިގެން ގޮސް، މިހާރު ދިރިއުޅުއްވަނީ ބޭރު ޤައުމެއްގައެވެ. ނަމަވެސް އޭނާ މިވަގުތު އުޅުއްވާ ޤައުމަކީ ކޮބައިކަން ހާމައެއް ނުވެއެވެ.
ކަބީލާ އަކީ އެ ޤައުމުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރި ލީޑަރުންގެ ތެރެއިން އެކެކެވެ. އޭނާގެ ވެރިކަމުގައި ކޮންގޯގައި ހިނގި ސިޔާސީ އަދި އިޖްތިމާޢީ ކަންކަމާ ގުޅިގެން މި ފަހަރު އިއްވި ޙުކުމަށް އޭނާ އިންކާރުކުރައްވާކަމަށް ރިޕޯޓުތަކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ