ޗައިނާގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރަށް ރިޝްވަތުގެ ކުށުގައި މަރުގެ ޙުކުމް

ޗައިނާގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރަށް ރިޝްވަތުގެ ކުށުގައި މަރުގެ ޙުކުމް

Author
ހުސައިން
28 ސެޕްޓެމްބަރ 2025 11:13
0

ޗައިނާގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޓަންގް ރެންޖިއަންގެ މައްޗަށް 268 މިލިއަން ޔުއާން (37.6 މިލިއަން ޑޮލަރު) ގެ ރިޝްވަތު ނެގުމުގެ ކުށުގައި އެ ޤައުމުގެ ކޯޓަކުން މަރުގެ ޙުކުމް އިއްވައިފިއެވެ. އެހެންނަމަވެސް މި ޙުކުމް ދެ އަހަރުގެ މުއްދަތަށް ފަސްކޮށްފައިވާ ކަމަށް ޗަންގްޗުން އިންޓަމީޑިއެޓް ޕީޕަލްސް ކޯޓުން ބުނެފައިވެއެވެ.

2007 އިން 2024 އާ ދެމެދު އެކި ސަރުކާރީ މަޤާމުތަކުގައި ހުންނަވައިގެން ޓަންގް ވަނީ ފައިސާއާއި އެކި މުދާ ހިމެނޭ ގޮތަށް ބޮޑު އަދަދެއްގެ ރިޝްވަތު ނަގާފައި ކަމަށް ތަޙުޤީޤުން އެނގިފައިވެއެވެ. އޭނާ ކުށަށް އިޢުތިރާފުވެފައިވުމުން ކޯޓުން ވަނީ މަރުގެ ޙުކުމް ދެ އަހަރަށް ސަސްޕެންޑް ކޮށްފައެވެ.

ޗައިނާގެ އެންޓި-ކޮރަޕްޝަން ވޮޗްޑޮގުން ތަޙުޤީޤު ކުރުމަށްފަހު، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓަންގް ވަނީ ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފައެވެ. މިއީ އޭނާ މިނިސްޓަރުކަމުން ވަކިކުރިތާ ހަ މަސްދުވަސް ފަހުންނެވެ.

މި މައްސަލައިގެ ތަޙުޤީޤު ވަރަށް އަވަހަށް ނިންމާލެވުނު ކަމަށް ފާހަގަކުރެވެއެވެ. މީގެ ކުރިން ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ އާއި އޭނާގެ ކުރިން ހުންނެވި ވޭ ފެންގޭގެ މައްސަލަތަކުގައި ވެސް މިފަދަ އަވަސް ތަޙުޤީޤުތަކެއް ހިންގާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ޓަންގް ރެންޖިއަން ވަނީ 2017 އިން 2020 އާ ދެމެދު ހުޅަނގު ޕްރޮވިންސް ގަންސޫގެ ގަވަރުނަރުގެ މަޤާމު އަދާކޮށްފައެވެ. އޭނާގެ ސަރުކާރީ ޚިދުމަތުގައި އެކި މަޤާމުތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކޮށްފައިވެއެވެ.

ރައީސް ޝީ ޖިންޕިންގް ވަނީ 2020 ވަނަ އަހަރު ޗައިނާގެ ޑޮމެސްޓިކް ސެކިއުރިޓީ ދާއިރާގައި ބޮޑު ކެމްޕޭނެއް ފައްޓަވައި، ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުން "ވަފާތެރި އަދި އިތުބާރުކުރެވޭ" ބައެއްކަން ކަށަވަރުކުރުމަށް މަސައްކަތް ފަށާފައެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް ޝީ ވިދާޅުވެފައިވަނީ ކޮރަޕްޝަނަކީ ކޮމިއުނިސްޓް ޕާޓީ ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށާއި، ޗައިނާގައި އަދިވެސް ކޮރަޕްޝަންގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ. މިއީ އެ ޤައުމުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ މިސާލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.