ރައީސް މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Author
ޙަސަން މުޙައްމަދު
18 ސެޕްޓެމްބަރ 2025 08:44
0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް 75 އަހަރު ފުރުމާ ގުޅިގެން ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އިއްޔެ ހާއްސަ ތަހުނިޔާއެއް ފޮނުއްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިއު ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު މޯދީގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާ ކަމާއި، ސައުތު އޭޝިއާ ސަރަހައްދުގައި އެމަނިކުފާނު އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރު ފާހަގަކޮށް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ދެމެހެއްޓެނިވި ގުޅުމާއި ޕާޓްނަރޝިޕް އިތުރަށް ބަދަހިކުރުމަށް ބޭނުންފުޅުވާ ކަން ރައީސް މުއިއްޒު ފާހަގަކުރެއްވި ކަމަށް އެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެންނެވިއެވެ. މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި މޯދީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ޒިންމާ އަދާކުރައްވަން ފެށްޓެވި ފަހުން އިންޑިއާއަށް ދެ ފަހަރު މަތިން ދަތުރުފުޅެއް ކުރައްވާފައިވެއެވެ. ފުރަތަމަ ދަތުރަކީ 2024 ވަނަ އަހަރުގެ ޖޫން މަހު މޯދީ ތިން ވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެވެ. ދެވަނަ ދަތުރަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ދެ ފަރާތުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.