ސޯޝަލް މީޑިއާގައި މަސައްކަތްކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ތައްޔާރުކުރާ ލުއިލޯނު ސްކީމަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު އެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ މީޑިއާގައި އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، ސޭލްސް އަދި މާކެޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލުތައް ހޯއްދަވާފައެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ހުށަހަޅާ ޚިޔާލުތަކާ އެއްގޮތަށް މި ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެފައިވަނީ، ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއިލޯނު ދޫކުރުމުގެ ސްކީމް ތައްޔާރުކުރުމުގެ ފަންނީ މަސައްކަތްތައް ނިމުމާ ގާތްވެފައިވާ ކަމުގައެވެ. މި ސްކީމް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހުޅުވާލުމަށް ރައީސް ވަނީ އަންގަވާފައެވެ.
ކްރިއޭޓިވް އިކޮނޮމީގެ ދައުރު ފުޅާކޮށް، ދިވެހި ޒުވާނުންނަށް މި ދާއިރާގައި އިތުރަށް ޙަރަކާތްތެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ލޯން ސްކީމްގެ މައިގަނޑު މަޤްޞަދުކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަކީ ސަރުކާރުގެ އިސްކަންދޭ ސިޔާސަތެއްކަމުގައި ވާއިރު، 2030 ވަނަ އަހަރާ ހަމައަށް ޤައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓް ކްރިއޭޓިވް އިންޑަސްޓްރީން ހާސިލުކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލުވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ފާޅުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ