ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިދިޔަ އޮގަސްޓް މަހު 7 ޕަސެންޓް ދަށްވެ، 190 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ. ޖުލައި މަހު ޔޫޒަބަލް ރިޒާވުގައި ހުރީ 213 މިލިއަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރިޒާވް މިހާ ބޮޑަށް ދަށްވާން ޖެހުނީ އިމްޕޯޓް ހަރަދުތަކާއި ދަރަނި އަދާކުރުމަށް ކުރާ ޚަރަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އޮގަސްޓް މަހު ދަރަންޏާއި އިމްޕޯޓް ޚަރަދުތައް ހަމަޖެއްސުމަށް "ޝޯޓް-ޓާމް ނެޓް ޑްރެއިންސް" ގެ ގޮތުގައި 736 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެ އެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 7 ޕަސެންޓުގެ އިތުރުވުމެއް ކަމަށާއި، މިދިޔަ އަހަރުގެ ހަމަ މި މުއްދަތާ އަޅާބަލާއިރު 90 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ޔޫޒަބަލް ރިޒާވް ދަށްވި ނަމަވެސް، ރަސްމީ ރިޒާވް ވަނީ 4 ޕަސެންޓް އިތުރުވެފަ އެވެ. އޮގަސްޓް މަހު ރަސްމީ ރިޒާވުގައި 810 މިލިއަން ޑޮލަރު ހުރި އިރު، ޖުލައި މަހު ހުރީ 775 މިލިއަން ޑޮލަރެވެ. މި އަހަރު ރިޒާވް އެންމެ މަތިވީ އޭޕްރީލް މަހު ކަމަށާއި، އެ މަހު 856 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭ އިން ހާމަކުރި އެވެ. އެންމެ ދަށްވީ ޖެނުއަރީ މަހު ކަމަށާއި، އެ މަހު 708 މިލިއަން ޑޮލަރު ހުރި ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. މި އަހަރުގެ ތެރޭގައި ރަސްމީ ރިޒާވް އާންމު ގޮތެއްގައި 700 އިން 800 މިލިއަން ޑޮލަރާ ދެމެދުގައި ހިފަހައްޓާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދަރަނި އަދާކުރުމަށް ރިޒާވުން ކުރާ ޚަރަދު 60 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ. ޖުލައި މަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 213 މިލިއަން ޑޮލަރު، އެއީ 3.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މީގެ އިތުރުން ތެލާއި ބޭހުގެ ޚަރަދުތައް ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު، އެއީ 4.2 ބިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ހާމަކުރި އެވެ.
ރިޒާވަށް ބޭރު ފައިސާ ލިބޭ އެންމެ ބޮޑު ޒަރީއާއަކީ ޓޫރިޒަމް ދާއިރާގެ ޓެކްސް އާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބޭ 30 ބިލިއަން އިންޑިއަން ރުޕީސް، އެއީ 343 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމަށް އެމްއެމްއޭ އިން ނިންމައިފައިވާ ކަމަށް ވެސް ހާމަކުރި އެވެ.
މި ފެސިލިޓީގެ އިތުރުން، މިހާރު ވެސް އާރްބީއައި މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުންކުރަމުން ގެންދާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ކަރެންސީ ސްވޮޕްގެ އިތުރުން، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ބޭންކުތަކަށް ޑޮލަރު ޖަމާކުރާ މިންވަރު އިތުރުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރި އެވެ. ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ ޑޮލަރުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 247.2 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ