މީޑިއާ ބިލާ ގުޅޭ ފޯރަމެއް މިރޭ އާޓިފިޝަލް ބީޗުގައި އެމްޖޭއޭއިން ބާއްވަނީ

މީޑިއާ ބިލާ ގުޅޭ ފޯރަމެއް މިރޭ އާޓިފިޝަލް ބީޗުގައި އެމްޖޭއޭއިން ބާއްވަނީ

Author
ހުސައިން
13 ސެޕްޓެމްބަރ 2025 11:15
0

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވާނެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއުލާންކޮށްފި އެވެ. މި ފޯރަމް ފަށާނީ މިރޭ 8:45 ގައެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި ފޯރަމް ކުރިއަށްދާނީ 'އޯޕަން މައިކް' އުސޫލުން ބިލާ ގުޅޭގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށެވެ. އަދި ބިލާ ގުޅޭގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މި ބިލަކީ ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެކެވެ. ދިވެހި ނޫސްވެރިންގެ އިތުރުން ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ބިލު ބޭރުކޮށްލަން ގޮވާލަމުން ދަނިކޮށް، ބިލު ތަޅުމަށް ބަލައިގަނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބިލާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އެމްޖޭއޭއިން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިދިޔަ ދެ ދުވަހު ހަވީރު އާންމު ތަންތަނަށް އެއްވެ ތިބި މީހުންނަށް، ބިލުން އާންމުންނަށް ކުރާނެ އަސަރު ލިޔެފައިވާ ލީފްލެޓްތަކެއް ބަހައި، ބިލުގެ ތަފްސީލްތައް ނޫސްވެރިން ކިޔައިދިނެވެ.

މީޑިއާ ކޮންޓްރޯލް ބިލުއާ ގުޅޭގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ މަސްލަހަތުވެރިއެއްގެ ފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތަކެވެ. މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރި އިރު ވެސް މަޝްވަރާކުރުމެއް ނެތި ހަދާފައިވާ އެ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރެއެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން 22 މީޑިއާއެއްގެ ފަރާތުން ނޫސްވެރިން ކޮމިޓީއަށް ގޮސް ހިޔާލު ފާޅުކުރި އިރު، އެންމެ މީޑިއާއެއް ފިޔަވައި ދެން ހުރި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ.

އެމްޖޭއޭއިން ވަނީ ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުގައި އެދިފައެވެ. އެއީ މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާކުރުން ހިމެނޭ ގޮތަށް، މީޑިއާ ކައުންސިލްގެ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް ގެންނަންވީ އިސްލާހުތަކުގެ ދިރާސާއެއް ވެސް ހަދައި މަޖިލީހަށް ހިއްސާކުރުމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ 151 ނޫސްވެރިންގެ ސޮޔާ އެކު މި ބިލު ބޭރުކުރަން ގޮވާލާފައިވާ ޕެޓިޝަނެއް ވެސް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ހުށަހަޅާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި އެކަމަކު ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު އަނބުރާ ގެންދިޔައީ ފާޑުކިއުންތައް އަމާޒުވުމުންނެވެ. ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ޑިމާންޑުކޮށް މުލިއާގެ އާއި ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކޮށްފައެވެ. ނޫސްވެރިންގެ ޕްރެޝަރުތަކާ ގުޅިގެން ސީނިއާ ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވި އެވެ. ނަމަވެސް ނޫސްވެރިން އެދުނު ގޮތަށް ބިލު ބޭރުނުކޮށް އިސްލާހުކުރުމުގެ މަސައްކަތް ގެންދަން ސަރުކާރުން ނިންމިކަން، އެ ބައްދަލުވުމަށް ފަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި އެވެ. އޭޖީ އޮފީހުން ފަހުން ވަނީ ބިލަށް ބައެއް އިސްލާހުތަކެއް ވެސް ގެންނަން ކޮމިޓީއަށް ފޮނުވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުރްތުޤާލް
ބިލަކީ މުހިންމު ބިލެއް، އެބައެއް ރެގިއުލޭޓް ކުރަން އެބައަކާ ޙަވާލުކުރުމަކީ އޮންނަޖެހޭ ގޮތްނަމަ، މަސްތުވާތަކެއްޗާބެހޭ ކަންކަން ރެގިއުލޭޓްކޮށްކުރަން ޙަވާލުކުރަންވީ އެތަކެތި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުންނާ، ދެއުޅިއެއްނުވާ ނޫސްވެރިކަމެއް މިތަނުގައި ހިންގަނީ، ލިޔަންކިޔަން ނޭގޭ ބަހުގެ ހަމައެއް ލަމައެއް ނުދަންނަ ސިޔާސީ މީހުން ނޫސްވެރިންގެ ނަމުގައި ނުކުމެ މުޅި ތަން ފަސާދަކޮށްފި، ވީހާވެސް ހަރުކަށިކޮށް ބިލު ފާސްކުރުމަށް ގޮވާލަން.