ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ޓަރޝަރީ ހޮސްޕިޓަލްތަކުގައި އައިނު ފިހާރަ ޤާއިމުކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް، އައިނު ހެއްދުމަށް ރައްޔިތުން ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ސިއްޙީ ޚިދުމަތްތަކުގެ ތެރެއިން މި ޚިދުމަތް ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މިވަގުތު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހިންގަމުންދާއިރު، ރައްޔިތުންގެ ފަރާތުން މި ޚިދުމަތަށް ވަރަށް ބޮޑު އެދުމެއް އޮތްކަން ފާހަގަކުރެވޭކަމަށް ޙަލީމް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުވި ހުޅުމާލޭ ހޮސްޕިޓަލުގެ އައިނު ފިހާރައަށް މިހާތަނަށް 400 އަށްވުރެ ގިނަ މީހުން އައިނު ހެއްދުމަށް އެދިފައިވާކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ. އައިނު ހެއްދުމަށް އޮތް ބޮޑު ޑިމާންޑް ފުއްދުމަށްޓަކައި އައިޖީއެމްއެޗަށް އިތުރު މެޝިނެއް ގެނެސްފައިވާކަމަށާއި، މި މެޝިނާއެކު އައިނު ހެއްދުމުގެ ކެޕޭސިޓީ ދެގުނަ ކުރެވޭނެކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އެވްރެޖުކޮށް ދުވާލަކު 35 އިން 40 އައިނާ ދެމެދު ހަދަމުންދާއިރު، އިތުރު މެޝިނާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ އަވަހަށް ޚިދުމަތް ލިބޭނެއެވެ. ސަރުކާރުގެ ސިޔާސަތަކީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި އައިނު ފިހާރަ ޤާއިމުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޙަލީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ