ސްރީ ލަންކާގެ ކުރީގެ ރައީސުންނަށާއި އެބޭފުޅުންގެ އަނބިމީހުންނަށް ދައުލަތުން ދެމުންދިޔަ ޚާއްސަ އިނާޔަތްތައް އުވާލުމުގެ ބިލު އެގައުމުގެ ޕާލިމަންޓުން މިއަދު ފާސްކޮށް، ގާނޫނަކަށް ހަދައިފި އެވެ.
ޖަސްޓިސް މިނިސްޓްރީން މިދިޔަ މަހުގެ ކުރީކޮޅު ޕާލިމަންޓަށް ހުށަހެޅި މި ބިލު ފާސްކުރީ 150 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްވުމާއެކު ޕާލިމަންޓުގެ ސްޕީކަރ ވަނީ އެއަށް ސޮއިކުރައްވައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފަ އެވެ.
މި ގާނޫނުގެ ދަށުން ކުރީގެ ރައީސުންނަށާއި ހުވަފަތް ރައީސުންގެ އަނބިމީހުންނަށް ކޮންމެ މަހަކު ދެމުންދިޔަ ދިރިއުޅުމުގެ އެލަވަންސް، ސެކްރެޓަރީ އެލަވަންސް، ރަސްމީ ދަތުރުތަކަށް ދެމުންދިޔަ ޚަރަދު، ދައުލަތުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ފަދަ ހުރިހާ އިނާޔަތްތަކެއް ވަނީ ހުއްޓާލާފަ އެވެ.
މީގެ އިތުރުން ދައުލަތުގެ ގެކޮޅުތަކުގައި މިހާރު ދިރިއުޅުއްވާ ކުރީގެ ރައީސުން އެ ގެތަކުން ވަކިވެވަޑައިގަންނަވާން ޖެހޭނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މިގޮތުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، މައިތިރިޕާލާ ސިރިސޭނާ އަދި ޗަންދްރިކާ ބަންޑާރަނަޔަކެ ކުމަރަތުންގަ ދައުލަތުގެ ގެކޮޅުތަކުން ވަކިވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެ އެވެ.
އެހެންނަމަވެސް ކުރީގެ ރައީސުން ކަމަށްވާ ރަނިލް ވިކްރަމްސިންހަ އާއި ގޮޓަބަޔާ ރާޖަޕަކްސަ މިހާރުވެސް ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުތަކުގައި ކަމަށްވާތީ، މި ގާނޫނުގެ ސަބަބުން އެބޭފުޅުންނަށް ދިރިއުޅުއްވާ ތަނަށް ބަދަލެއް ނާންނާނެ އެވެ.
ކޮމެންޓު ފޮނުވާ