ފިނޭންސް މިނިސްޓްރީ ކައިރީގައި އެމްޑީޕީން އިހުތިޖާޖު ކޮށްފި

ފިނޭންސް މިނިސްޓްރީ ކައިރީގައި އެމްޑީޕީން އިހުތިޖާޖު ކޮށްފި

Author
ހުސައިން
08 ސެޕްޓެމްބަރ 2025 04:28
0

ސަރުކާރުގެ މާލީ ސިޔާސަތުތަކާ ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މިއަދު ފިނޭންސް މިނިސްޓްރީ ކައިރީގައި އިހުތިޖާޖު ކޮށްފިއެވެ. މި އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި، ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންގެ އިތުރުން އާންމު ރައްޔިތުން ވެސް ބައިވެރި ވަފައި ވެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން ފިނޭންސް މިނިސްޓަރާ ބައްދަލުކުރުމަށް އެދުނު ނަމަވެސް، އެ ފުރުސަތު ލިބިފައި ނުވާތީ، އެ މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީގެ އިމާރާތަށް ވަދެފައެވެ.

އިހުތިޖާޖުގައި ބައިވެރިވި މީހުން ގެންގުޅުނު ޕޯސްޓަރުތަކުގައި ދައުލަތުގެ ހަޒާނާ ލޫޓުވާލާފައިވާ ކަމަށާއި، ގައުމަށް ވަންނަ ޑޮލަރު ވެސް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ އަވަހަށް ދޫކުރުމަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.

އެމްޑީޕީގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުހިންމު ތަރައްގީގެ މަޝްރޫއުތައް ފައިސާ ނެތިގެން ހުއްޓިފައިވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު އެކި ރަށްރަށުގައި ބޭކާރު މަޝްރޫއުތައް ހިންގަމުން ގެންދާކަމަށެވެ. މިފަދަ މަޝްރޫއުތަކަށް ހޭދަކުރާ ފައިސާ، ވައުދުނާމާގައި ހިމެނޭ މުހިންމު މަޝްރޫއުތަކަށް ބޭނުންކުރުން މާ ރަނގަޅުވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

"ރައީސް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް، ވައުދުނާމާގައި ނުހިމެނޭ ކަންތައްތަކަށް ބަޖެޓުން ފައިސާ ހަރަދުކުރާއިރު، ވައުދުނާމާގައި ހިމެނޭ މުހިންމު ކަންތައްތައް ކުރުމަށް ބަޖެޓުގައި ފައިސާ ނެތުމަކީ ފިނޭންސް މިނިސްޓްރީން ޖަވާބުދާރީ ވާންޖެހޭ ކަމެއް،" އެމްޑީޕީގެ ފަރާތުން ބުންޏެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ސަރުކާރުން ނިގުޅައިގަންނަމުން ދާކަމަށް ތުހުމަތުކޮށް، އެމްޑީޕީން މިދިޔަ ހަފްތާގައި ސިލްސިލާ މުޒާހަރާތަކެއް ބޭއްވުމަށް ނިންމިއެވެ. އެގޮތުން އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް އެ ޕާޓީން އިއުލާންކޮށްފައިވެއެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ޕިކަޕް ޖަލްސާއެއް ވެސް އެމްޑީޕީން ވަނީ ބާއްވާފައެވެ.

މި އިހުތިޖާޖަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާ ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށާއި، ރައްޔިތުންގެ ހައްގުގައި އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.