ސޮވެރިން ފަންޑަށް 1.3 ބިލިއަން ރުފިޔާ ޖަމާވެއްޖެ

ސޮވެރިން ފަންޑަށް 1.3 ބިލިއަން ރުފިޔާ ޖަމާވެއްޖެ

Author
އަހުމަދު
06 ސެޕްޓެމްބަރ 2025 09:45
0

ދައުލަތުގެ ދަރަނި އަދާކުރުމަށް ތައްޔާރުވުމުގެ ގޮތުން އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު 1.3 ބިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ނެރުނު ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން، އޮގަސްޓް 28 ގެ ނިޔަލަށް މި ފަންޑުގައި ޖަމާވެފައިވާ 1.3 ބިލިއަން ރުފިޔާގެ ތެރެއިން، މިއަހަރު އެކަނި ޖަމާކުރެވިފައިވަނީ 916.3 މިލިއަން ރުފިޔާއެވެ. މި ފަންޑަށް ފައިސާ ލިބެނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތަކަށް ގެނެވުނު ބަދަލުތަކުން އިތުރުވާ އާމްދަނީއިންނެވެ.

ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ބަޖެޓުން ޚަރަދުކޮށްފައިވަނީ 24.8 ބިލިއަން ރުފިޔާކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.6 އިންސައްތަ ދަށް އަދަދެކެވެ. މީގެ އިތުރުން، ދައުލަތުގެ ބަޖެޓުގައި 534.6 މިލިއަން ރުފިޔާގެ ސަރޕްލަސެއް ދެމެހެއްޓިފައިވާކަމަށް ރިޕޯޓުން ފާހަގަކުރެއެވެ.

ކެޕިޓަލް ޚަރަދުތަކަށް ނަޒަރުހިންގާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް 3.1 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ތަކަށް މިއަހަރުގެ ބަޖެޓުގައި 12.4 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރި ނަމަވެސް، މިހާތަނަށް ޚަރަދުވެފައިވަނީ 4 ބިލިއަން ރުފިޔާއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފާއިތުވި އަހަރު ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑުބައެއް ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫޢުތަކަށް ޚަރަދުކުރި ނަމަވެސް، މިއަހަރު އެންމެ ގިނަ ޚަރަދުކުރެވެނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށެވެ. މިގޮތުން ލަފާފުރުމާ ގުޅޭ މަޝްރޫޢުތަކަށް މިހާތަނަށް 2.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 124.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނާގޮތުން، ޕީ.އެސް.އައި.ޕީ ސިޔާސަތުތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ކުޑަކުރެވިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.