ދިވެހިރާއްޖޭގެ ކުރިމަގު ރޭވުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ރަށްރަށަށް ކުރާ ދަތުރުތައް މިއަދު ފަށައިފިއެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި "ވިލުންތެރި ރާއްޖެ" ޓީމުގެ ފުރަތަމަ ދަތުރު މިއަދު ކުރީ ކ. ގުރައިދޫއަށެވެ.
ގުރައިދޫގައި ބޭއްވުނު ބައްދަލުވުމުގައި އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާއެކު ގައުމުގެ ކުރިމަގާއި، އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މި މަޝްރޫއުގެ ތެރެއިން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
"ވިލުންތެރި ރާއްޖެ 2045″ ގެ ނަމުގައި ތައްޔާރުކުރެވޭ މި ޕްލޭނަކީ 2025 އިން 2045 އާ ދެމެދު ހިންގުމަށް ހަމަޖެހިފައިވާ ދިގު މުއްދަތުގެ ތަރައްގީ ޕްލޭނެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ 2040 ވަނަ އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމުގެ ވިސްނުން ހަގީގަތަކަށް ހެދުމަށް ރާވާފައިވާ މުހިންމު ސިޔާސަތެކެވެ.
މި ޕްލޭންގެ އަސާސީ އަމާޒަކީ ގައުމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން، ދިގު މުއްދަތުގެ ވިސްނުމެއްގެ އަލީގައި ގައުމާއި ރައްޔިތުންނަށް އެންމެ މަންފާ ލިބޭނެ ގޮތަށް ސިޔާސަތުތައް ރޭވުމެވެ. ހަމައެއާއެކު ދުނިޔޭގައި ހިނގަމުންދާ އިގުތިސާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއްގޮތަށް ބަދަލުވެ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ތިބެވޭ ވަރުގަދަ ގައުމެއް ބިނާކުރުން ވެސް މި ޕްލޭންގެ ތެރޭގައި ހިމެނެއެވެ.
މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ނެކްސިއާ މޯލްޑިވްސް އާއެވެ. މި މަސައްކަތް ފުރިހަމަކޮށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޕްލޭން ނިންމުމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ