ދަރަނި ދެއްކުމަށް ދެވަނަ ކުއާޓަރގައި 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ދަރަނި ދެއްކުމަށް ދެވަނަ ކުއާޓަރގައި 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި

Author
ހުސައިން
05 ސެޕްޓެމްބަރ 2025 08:32
0

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގުން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ދަރަނީގެ ބުލެޓިންގައިވާ މަޢުލޫމާތުތަކުން ދައްކާގޮތުން، އެ ކުއާޓަރގައި ދަރަނި އަދާކުރުމަށް ސަރުކާރުން 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. އެއާއެކު، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ދޫކުރެވިފައިވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ދެވަނަ ކުއާޓަރު ނިމުނުއިރު، ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް (ޕީޕީޖީ) ޑެޓް ނުވަތަ ދައުލަތުގެ ޖުމުލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި އަދަދަކީ ރާއްޖޭގެ ޖީޑީޕީގެ 124 އިންސައްތައަށް ވުރެ ބޮޑު އަދަދެކެވެ. އަދި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި 21.1 ބިލިއަން ރުފިޔާގައި ހުރިކަމަށާއި، މިއީ ޖީޑީޕީގެ 17.6 އިންސައްތަކަމަށް ވެސް ބުލެޓިންގައި ފާހަގަކޮށްފައިވެ އެވެ.

ބަޖެޓަރީ ސެންޓްރަލް ގަވަރންމަންޓް (ބީސީޖީ)ގެ ދަށުން ރާއްޖެއިން ނަގާފައިވާ ދަރަނި ބަލާއިރު، އެތެރޭގެ ފައިނޭންސިންގގެ ގޮތުގައި 85.4 ބިލިއަން ރުފިޔާ އާއި ބޭރުގެ ފައިނޭންސިންގގެ ގޮތުގައި 42.4 ބިލިއަން ރުފިޔާ ނަގާފައިވާކަން އެނގެ އެވެ.

ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ 42 ބިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ އިންޑިއާގެ އެގްޒިމް ބޭންކަށްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ބޭންކަށް މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު 9.2 ބިލިއަން ރުފިޔާ ދައްކަން އޮތްކަމަށް ބުލެޓިންގައި ބަޔާންކޮށްފައިވެ އެވެ. ހަމައެއާއެކު، ބޮންޑު ގަނެފައިވާ ބޭރުގެ ފަރާތްތަކަށް 7.7 ބިލިއަން ރުފިޔާ އާއި ޗައިނާގެ އެގްޒިމް ބޭންކަށް 7.3 ބިލިއަން ރުފިޔާ ދައްކަން އޮތްކަން ވެސް އެނގެ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖީޑީޕީ މުރާޖައާކޮށް 120.1 ބިލިއަން ރުފިޔާއަށް މަތިވެފައިވާއިރު، ބޭނުންކުރެވޭ އެކްސްޗޭންޖް ރޭޓް 15.42 ރުފިޔާގައި ދެމެހެއްޓިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.