ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެފައި ވަނީ އޭނާގެ މާލީ ބަޔާނުގައި ވިޔަފާރި ކުންފުނިތަކުގެ ހިއްސާތައް ނުހިމެނުއްވީ އެ ކުންފުނިތަކުގައި މެޖޯރިޓީ ހިއްސާ ނެތުމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި އައްބާސްގެ މާލީ ބަޔާން ފުރިހަމަ ނޫން ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރުމާ ގުޅިގެން، އޭނާ ރޭ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި މި ކަން ސާފުކޮށްދެއްވާފައި ވެއެވެ. އައްބާސް ވިދާޅުވި ގޮތުގައި ތިން ވިޔަފާރި ކުންފުންޏެއްގައި އޭނާގެ ހިއްސާ އެބަހުރި ނަމަވެސް، މެޖޯރިޓީ ހިއްސާ ނެތުމުން މާލީ ބަޔާނުގައި އެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށެވެ.
އެމްޑީއޭއަށް ނިސްބަތްވާ އައްބާސްގެ މާލީ ބަޔާނުގައި ފާހަގަކޮށްފައި ވާ ގޮތުގައި، މިދިޔަ އަހަރު އޭނާއަށް ލިބުނު އާމްދަނީއަކީ ހަމައެކަނި މަޖިލީހުގެ މެންބަރުކަމުގެ މުސާރައެވެ. އެގޮތުން މުސާރައިގެ ގޮތުގައި 927,532 ރުފިޔާ ލިބިވަޑައިގަތް ކަމަށާއި، ބިމު ކުއްޔާ، ވިޔަފާރި ނަފާ ނުވަތަ ހިއްސާތަކުން އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް ބަޔާނުގައި ހިމަނާފައި ވެއެވެ. އަދި މުދަލާއި ވިޔަފާރި ހިއްސާތަކާއި ވިޔަފާރީގެ ގޮތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
"އަޅުގަނޑު ހިއްސާވާ ވިޔަފާރި ތިން ކުންފުނީގެ މައުލޫމާތު އަޅުގަނޑުގެ މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އެ ކުންފުނިތަކުގެ ދެންތިބި ހިއްސާދާރުންގެ މަސްލަހަތު އޮތް ކަމަކަށް ވާތީ،" އައްބާސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން އަދި ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ އެހެން ހިއްސާދާރުން އިއުތިރާޒް ނުކުރާ ނަމަ، އެ މައުލޫމާތު ވެސް ހިމެނުމަށް ޖެހިލުން ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ