މީޑިއާ ބިލަކީ ރިޔާސީ ދައުރު ދަންމާލަން އަޅާ ފިޔަވަޅެއް: އިމްރާން

މީޑިއާ ބިލަކީ ރިޔާސީ ދައުރު ދަންމާލަން އަޅާ ފިޔަވަޅެއް: އިމްރާން

Author
ހުސައިން
04 ސެޕްޓެމްބަރ 2025 06:49
0

މީޑިއާގެ މިނިވަންކަން ހަނިކުރާ ބިލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ދައުރު ދަންމާލަން އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ފުރަތަމަ ފިޔަވަޅު ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި އިމްރާން ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މީޑިއާތައް ބަންދުކޮށް، އޭގެ ފަހުން ރިޔާސީ ދައުރު ދަންމާލުމަށް ރާވާފައިވާ ޕްލޭނެއްގެ ބައެއް ކަމަށެވެ.

އިމްރާންގެ ވާހަކަފުޅުގައި، ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވި ވަޢުދުތައް ފުއްދަވާފައި ނުވާކަމަށާއި، ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމުގައި ފެއިލްވެފައިވާ ކަމަށާއި، މިނެއް ނެތި ދޮގު ހައްދަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މިއީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރައްވާ މަސައްކަތުގެ އިތުރު ހިސާބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލު، މަޖިލީހުން ބަލައިގަނެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ކޮމިޓީން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތް ނިންމުމަށެވެ.

މި ބިލާ ދެކޮޅަށް 150 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް، ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. ނޫސްވެރިން ބިލު ބޭރުކޮށްލުމަށް އެދިފައިވަނީ، މި ބިލުން މީޑިއާގެ މިނިވަންކަމަށް ބޮޑު ގެއްލުން ލިބޭނެ ކަމަށް ބިރުގަންނާތީއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، މި ހާލަތުން ގައުމު ސަލާމަތްކުރުމަށް ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލަންޖެހޭ ކަމަށާއި، ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން މުހިންމު ކަމަށެވެ. ގައުމާއި ރައްޔިތުންގެ މުސްތަޤްބަލު ރައްކާތެރިކުރުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށް އޭނާ ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.