މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 1،934 ޓަނުގެ މުދާ ރެކޯޓް މިންވަރަކަށް އުފުލައިފިއެވެ
އެމްއޭސީއެލުން ފާހަގަކުރި ގޮތުގައި، މިއީ މި އަހަރުގެ ތެރޭގައި ވީއައިއޭއިން އެންމެ ގިނަ އަދަދެއްގެ މުދާ އުފުލި މަހަށް ވެސް ވެފައިވާއިރު، ޓްރާންސްޝިޕްމަންޓް ކާގޯ އުފުލުމުގައި މިހާތަނަށް ހަދާފައިވާ އެންމެ މަތީ ރެކޯޑެވެ.
އެހެން ގައުމަކަށް ގެންދިޔުމުގެ މަގުމަތީގައި ރާއްޖެއަށް ގެނެސް، މަންޒިލަށް ފޮނުވުމުގެ ކުރިން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭ މުދަލަށް ކިޔަނީ ޓްރާންސްޝިޕްމަންޓް ކާގޯ އެވެ. މި ޚިދުމަތް މެދުވެރިކޮށް ވީއައިއޭ އަކީ ސަރަހައްދުގެ މުހިންމު ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ފާހަގަވަމުން އަންނަ ތަނެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވީއައިއޭ މެދުވެރިކޮށް ޖުމްލަ 34،573 ޓަނުގެ މުދާ އުފުލާފައިވާއިރު، އޭގެ ތެރެއިން 6،879 ޓަނަކީ ޓްރާންސްޝިޕްމަންޓް ކާގޯ އެވެ. މި އަދަދުގެ ތެރޭގައި އެއާ-ޓު-އެއާ ޚިދުމަތުގެ ދަށުން އުފުލި 5،621 ޓަނުގެ މުދަލާއި، އެއާ-ޓު-ސީ ޚިދުމަތުގެ ދަށުން އުފުލި 1،258 ޓަނުގެ މުދާ ހިމެނެއެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި، ވީއައިއޭގެ ކާގޯ އުފުލުމުގެ ޚިދުމަތް ދުވަހެއް ދުވަހަކަށް ފުޅާވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ