ސްރީލަންކާގެ ކަނޑުމަތިން 906 ކިލޯގެ ކެނެބިސް އަތުލައިގެންފި

ސްރީލަންކާގެ ކަނޑުމަތިން 906 ކިލޯގެ ކެނެބިސް އަތުލައިގެންފި

Author
ޙަސަން މުޙައްމަދު
04 ސެޕްޓެމްބަރ 2025 01:33
0

ސްރީލަންކާގެ ކަނޑުގެ ސިފައިން އެގައުމުގެ އުތުރު ޕްރޮވިންސުގެ މަންނާރު ޑިސްޓްރިކްޓުގެ މުރުކަންގެ އައްސޭރިފަށުން 906 ކިލޯގެ ކެނެބިސް އަތުލައިގަނެފިއެވެ. މިއީ އެގައުމުގެ ފުލުހުންގެ ޓާސްކް ފޯހުން ދިން މައުލޫމާތަކާއި ގުޅިގެން ކަނޑުގެ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އޮޕަރޭޝަނެއްގައި ފެނުނު މަސްތުވާތަކެއްޗެވެ.

މިމަހުގެ 2 އާއި 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އަތުލައިގަތް "ކެރެލާ ކެނެބިސް" ގެ މަގުމަތީ އަގަކީ 203 މިލިއަން ސްރީލަންކާ ރުޕީސް ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. 398 ފޮށީގައި ބަންދުކޮށްފައި ހުރި މި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ސްރީލަންކާގެ ހަބަރުތައް ގެނެސްދޭ "ނިއުސްވަޔާ" ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް އަތުލައިގަތް މަސްތުވާތަކެއްޗަކީ ކޮން ބަޔަކާއި ގުޅުން ހުރި އެއްޗެއްތޯ ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފަށާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފައިވެއެވެ.

ސްރީލަންކާގެ ހުޅަނގު އުތުރުގައި އޮންނަ މި ސަރަހައްދަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ގިނައިން ބޭނުންކުރާ ސަރަހައްދެއް ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.