ރާއްޖޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގު މައްޗަށް؛ އޮގަސްޓް މަހާ އަޅާބަލާއިރު އަގުތައް 1.96 ޕަސަންޓް މަތިވެއްޖެ

ރާއްޖޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގު މައްޗަށް؛ އޮގަސްޓް މަހާ އަޅާބަލާއިރު އަގުތައް 1.96 ޕަސަންޓް މަތިވެއްޖެ

Author
ހުސައިން
04 ސެޕްޓެމްބަރ 2025 09:22
0

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ބާޒާރުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އަސާސީ ތަކެތީގެ އަގުތައް ވަނީ ނިސްބަތުން ބޮޑުވެފައެވެ. ޚާއްސަގޮތެއްގައި މޭވާގެ އަގުތައް 10 ޕަސަންޓް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގެ މަޢުލޫމާތުތަކުން އެނގޭގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު އަގުތައް 1.96 ޕަސަންޓް މަތިވެފައިވާއިރު، ކާބޯތަކެތީގެ އަގު މަހުން މަހަށް ދަނީ އުފުލެމުންނެވެ. ފާއިތުވި މަހާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު 1.62 ޕަސަންޓް އިތުރުވެފައިވެއެވެ.

އަގުތަކަށް އައި ބަދަލުތަކުގެ ތެރޭގައި، މޭވާގެ އަގުތައް 10.20 ޕަސަންޓް މަތިވެފައިވާއިރު، ތެލާއި ފެޓްގެ ބާވަތްތަކުގެ އަގު 5 ޕަސަންޓް އިތުރުވެފައިވެއެވެ. ހަމައެއާއެކު ބުއިންތަކުގެ އަގު މިދިޔަ އަހަރަށްވުރެ 1.58 ޕަސަންޓް އިތުރުވެފައިވާއިރު، ޕާސަނަލް ކެއާ ޕްރޮޑަކްޓްތަކުގެ އަގު 4.33 ޕަސަންޓް މައްޗަށް ގޮސްފައިވެއެވެ. އެހެންނަމަވެސް، ގޭހާއި ތެލުގެ އަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ރާއްޖޭގެ ބާޒާރުގައި އާފަލުގެ އަގުވެސް ވަނީ ބޮޑުވެފައެވެ. މިހާރު އާފަލެއްގެ އަގު 13 ރުފިޔާއަށް އަރާފައިވާއިރު، ކުރިން 5 ރުފިޔާއިން 6 ރުފިޔާއަށް އާފަލު ގަނެވެން ހުރެއެވެ. މިފަދަ ބޮޑު ބަދަލެއް އައީ ސްޓޮކް ހޯދުމުގައި ދަތިތަކާ ކުރިމަތިވުމުންނެވެ.

އަސާސީ ކާބޯތަކެތީގެ އަގު މައްޗަށް ދިޔުން ކޮންޓްރޯލްކުރުމަށް އެސްޓީއޯއިން ވަނީ ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު، ތަރުކާރީ އަދި މޭވާގެ ތެރޭގައި ހިމެނޭ ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ ފަދަ ތަކެތި ރާއްޖެ އެތެރެކުރަން ފަށާފައެވެ.

އިގުތިސާދީ ޚާބިރުންގެ ވިދާޅުވުމުގައި، ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުލިބޭނަމަ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށްދާނެކަމަށެވެ. ޚާއްސަގޮތެއްގައި މުދާ ހުސްވާންދާއިރު ނުވަތަ ނުލިބޭހެން ހީވާނަމަ، އަގުތައް އަތްނުފޯރާ ފަށަށް ޖައްސާލާކަން ފާހަގަކުރެވެއެވެ. ނަމަވެސް ތަކެތި އެކަށީގެންވާ މިންވަރަށް ލިބޭނަމަ އަގުތައް ދަށްވެގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.