ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން ބ. ކަމަދުއަށް ކުރުމަށް ހަމަޖެހިފައިވާ ސީޕްލޭން ދަތުރުތައް މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފެށުމަށް ނިންމައިފި އެވެ.
މޯލްޑިވިއަން އިން ވަނީ މި ދަތުރުތަކުގެ ތަފްސީލު ހާމަކޮށް، ކޮންމެ ހަފުތާއަކު ބުރާސްފަތި ދުވަހު ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނެ ކަމަށް އަންގާފަ އެވެ. މި ޚިދުމަތް ފެށުމާ ގުޅިގެން ހާއްސަ ރޭޓެއްގެ ގޮތުގައި މާލެއިން ކަމަދުއަށް އެއްކޮޅު ދަތުރެއްގެ އަގު 1,199 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ.
މި ޚިދުމަތް ފެށުމަށް މޯލްޑިވިއަން އިން ނިންމީ، ދަ ހޯކްސް ހޮޓެލްއާ ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ވެވުނު އެއްބަސްވުމަކާ ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން ކަމަދޫގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަމުން ގެންދާނެ އެވެ.
ގެސްޓްހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވާ ކަމަދަކީ، އީދާއި ބޮޑު ބަންދުތަކުގައި ގިނަ ދިވެހިން ޒިޔާރަތްކުރާ ރަށެކެވެ. ކަމަދޫ ކައުންސިލުން ބުނާ ގޮތުގައި، ސީޕްލޭން ޚިދުމަތް ލިބެން ފެށުމުން ރަށުގެ ޓޫރިޒަމަށް އިތުރު ހަރަކާތެއް ލިބި، ވިޔަފާރި ފުޅާވެގެންދާނެ އެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ލޯކަލް ޓޫރިޒަމް ތަރައްގީވެފައިވާ އިތުރު ރަށްރަށަށް ވެސް ސީޕްލޭން ދަތުރުތައް ފެށުމުގެ ޕްލޭން ހާމަކޮށްފަ އެވެ. މި ގޮތުން އއ. ތޮއްޑޫ، އއ. އުކުޅަސް އަދި ނ. ވެލިދޫ އަށް ވެސް އަންނަން އޮތް ދުވަސްތަކުގައި ސީޕްލޭން ޚިދުމަތް ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ. މި ޚިދުމަތްތައް ފެށުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއަރައި، ރަށްރަށުގެ އިގްތިސާދަށް ފައިދާތަކެއް ކުރާނެ އެވެ.
ކޮމެންޓު ފޮނުވާ