ދައުލަތުގެ ޚަރަދު 15.6 ޕަސެންޓް ދަށްވެ، ބަޖެޓުގައި 534.6 މިލިއަން ރުފިޔާގެ ސަރޕްލަސް

ދައުލަތުގެ ޚަރަދު 15.6 ޕަސެންޓް ދަށްވެ، ބަޖެޓުގައި 534.6 މިލިއަން ރުފިޔާގެ ސަރޕްލަސް

Author
ޙަސަން މުޙައްމަދު
02 ސެޕްޓެމްބަރ 2025 11:01
0

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ އޮގަސްޓް 28 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.6 އިންސައްތައިން ދަށްވއއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުން ޚަރަދުކޮށްފައިވަނީ ޖުމުލަ 24.8 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދު 1.7 އިންސައްތައިން ކުޑަވެފައިވާއިރު، ކެޕިޓަލް ޚަރަދު 57.4 އިންސައްތައިން ދަށަށް ގޮސްފައިވާކަން ރިޕޯޓުން ފާހަގަކުރެއެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން 56 އިންސައްތަ ޚަރަދުކޮށްފައިވަނީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމަށް ކަމަށްވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 5.5 އިންސައްތަ ކުޑަ އަދަދެކެވެ.

އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރާ ޚަރަދު 14.1 އިންސައްތައިން ކުޑަވެފައިވާއިރު، މަރާމާތާއި މެއިންޓެނަންސްގެ ޚަރަދު 16.6 އިންސައްތައިން ދަށަށް ގޮސްފައިވެއެވެ. އަދި ދަތުރުފަތުރުކުރުމަށް ކުރެވޭ ޚަރަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު 6 އިންސައްތައިން ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުން ފޯރުކޮށްދޭ އެކިއެކި އެހީއާއި ސަބްސިޑީތަކަށް ކުރާ ޚަރަދުވެސް 7.5 އިންސައްތައިން ކުޑަވެފައިވެއެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުގައި މިހާތަނަށް ޚަރަދުކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ ކަމަށްވާއިރު، މީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ މަގުހެދުމާއި، ބްރިޖް އަދި އެއަރޕޯޓް ތަރައްޤީކުރުން ފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް މި ޕްރޮގްރާމްތަކަށް ޚަރަދުކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ޕީ.އެސް.އައި.ޕީގެ ބޮޑު ބައެއް ޚަރަދުކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމަށް ކަމަށްވިޔަސް، މި އަހަރު އެންމެ ގިނައިން ޚަރަދުކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ މަޝްރޫޢުތަކަށް ކަމަށްވާއިރު، މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 124.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް ރިޕޯޓުން ފާހަގަކުރެއެވެ. ޕީ.އެސް.އައި.ޕީ ސިޔާސަތުތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މި ޕްރޮގްރާމްތަކަށް ކުރާ ޖުމުލަ ޚަރަދު ކުޑަކުރެވިފައިވާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަވުމާއެކު، ބަޖެޓުގެ އޯވަރއޯލް ބެލެންސް 534.6 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ދެމެހެއްޓިފައިވާކަން ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.