ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު 9.2 އިންސައްތަ އިތުރުވެއްޖެ، އެންމެ ކުރީގައި ޗައިނާ މާކެޓް

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު 9.2 އިންސައްތަ އިތުރުވެއްޖެ، އެންމެ ކުރީގައި ޗައިނާ މާކެޓް

Author
ޙަސަން މުޙައްމަދު
31 އޮގަސްޓް 2025 01:17
0

ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ބޮޑު ކުރިއެރުމެއް ހޯދަމުންދާކަން ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އޮގަސްޓު 27 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 9.2 އިންސައްތައިން މަތިވެފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު، އޮގަސްޓު 27ގެ ނިޔަލަށް ޖުމުލަ 1،463،566 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން 1،074،917 ފަތުރުވެރިން ރިސޯޓުތަކުގައި ހުރިކަމަށާއި، އެއީ ޖުމުލަ ފަތުރުވެރިންގެ 73.4 އިންސައްތަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ގެސްޓުހައުސްތަކުގައި ހުރި ފަތުރުވެރިންގެ ނިސްބަތް 21.8 އިންސައްތައަށް އަރާކަންވެސް ފާހަގަކުރެވެއެވެ.

އޮގަސްޓު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހު 7177 ފަތުރުވެރިން އައިސްފައިވާއިރު، އެއީ އޮގަސްޓު މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.

މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހުގައި 214،863 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި މަހެވެ. ފެބްރުއަރީ މަހުގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 7،646 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މި އަހަރު ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައި މަހެވެ.

ފާއިތުވި އަހަރާ އަޅާބަލާއިރު، އޭޕްރިލް މަހުގައި ފަތުރުވެރިން އައި މިންވަރު 17.8 އިންސައްތައިން އިތުރުވެފައިވާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިއީ މި އަހަރު ފަތުރުވެރިންގެ އަދަދު އެންމެ ބޮޑަށް އިތުރުވި މަހެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކަށް ބަލާއިރު، ޗައިނާ މާކެޓުން 15.7 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު، އެއީ އެންމެ ބޮޑު މާކެޓުކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.