މެލޭޝިއާގެ 68 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުވައިފި

މެލޭޝިއާގެ 68 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުވައިފި

Author
ޙަސަން މުޙައްމަދު
31 އޮގަސްޓް 2025 08:49
0

މެލޭޝިއާގެ 68 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ހޫނު ތަހުނިޔާއެއް ފޮނުވައިފި އެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓް 31 ގައި ފާހަގަކުރާ މެލޭޝިއާގެ ޤައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، މެލޭޝިއާގެ ރަސްގެފާނު އިބްރާހީމް އިސްކަންދަރަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި، އެ ޤައުމުގެ ސަރުކާރާއި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދެންނެވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މެލޭޝިއާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، ދެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި ދިގު ޒަމާނެއް ވަންދެން ދެމިއޮތް މި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުވެފައިވަނީ 1968 ވަނަ އަހަރުގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ، ތަޢުލީމީ އަދި ސަޤާފީ ދާއިރާތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ގުޅުންތައް ބަދަހިވެ، އެކުވެރިކަން އިތުރުވަމުން އައިސްފައިވެ އެވެ.

މެލޭޝިއާއަކީ ދިވެހި ދަރިވަރުން ތަޢުލީމު ހާސިލުކުރުމަށް އެންމެ ގިނައިން ދާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމު ކަމަށް ވާއިރު، ވިޔަފާރީގެ ގޮތުންނާއި ޓޫރިޒަމްގެ ދާއިރާއިންވެސް ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބަދަހިވެފައެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތް ހޯދުމަށް ދިވެހިން އެންމެ ގިނައިން ދާ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ ހިމެނޭކަން ފާހަގަކުރެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.